ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައިވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖައާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމަށްފަހު ވަޒީރުންގެ ލަފާގެ މަތިންނެވެ. 

ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެންވާރަމަންޓް މިނިސްޓްރީ އިން ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަޙައްދު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުއްވި މައިގަނޑު މަގްސަދަކީ، ކ. ތަނބުރުދުއާއި އެ ރަށް ވަށައިގެންވާ މާހައުލަކީ ވެސް ގުދުރަތީ އަދި ތަބީއީ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއްކަމުގައި ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

އެ ސަރަޙައްދުގެ ހާއްސަ ސިފަތަކުގެ މައްޗަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތައްޔާރުކޮށްފައިވާ ޓެކްނިކަލް ސާވޭ ރިޕޯޓަށާއި، އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަންއިން ތައްޔާރުކޮށްފައިވާ "ކ. ތަނބުރުދޫ ގުދުރަތީ އާސާރެއް،" މި ކަރުދާހުގެ މައްޗަށް ބައްލަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބޮޑުތިލަދުންމަތީގެ 14 ސަރަޙައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި، ފުވައްމުލައް ސިޓީގެ އެއް ސަރަހައްދު، އަދި ފާދިއްޕޮޅުގެ ފަސް ސަރަހައްދު މިހާތަނަށް ވަނީ ހިމާޔަތްކޮށްފައިވެއެވެ. މީގެ އިތުރުން ތިމާވެށީގެ ގާނޫނުގެ ދަށުން މާލެ އަތޮޅު އުތުރު އަދި ދެކުނު ހިމެނޭގޮތަށް 11 ސަރަޙައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ނުވަ ޑައިވް ސައިޓަކާއި، ކ. ރަސްފަރިއާއި ކ. ހުރާގެ ކަނޑޫފާ ސަރަހައްދެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.