ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ ފެއިލްވި ގޮތާއި ގުޅިގެން ހަދަމުންދާ ޕާލިމެންޓްރީ އިންކުއަރީއަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހާޒިރުކޮށްފިއެވެ.

މިދިޔަ މަހުގެ 6 ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިންކުއަރީ ހަދަމުންދަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީންނެވެ. މި ހަމަލާއާއި ގުޅޭގޮތުން ބައްދަލުކޮށް، ސުވާލުކުރަން ޖެހޭ ހުރިހާ ފަރާތްތަކާއި ސުވާލު ކުރައްވާނެ ކަމަށް ކޮމިޓީގެ މުގައްރިރު މެމްބަރު އަހުމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ސުވާލުކުރަން ފައްޓަވާނީ ކޮމިޓީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބުމުން ކަމަށެވެ.

އިންކުއަރީގެ ބޭނުމަށްޓަކައި ސުވާލުކުރަން ޖެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ފެށީ އިއްޔެއެވެ. އެގޮތުން އެންމެ ފުރަތަމަ ހާޒިރުވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ހަމީދަށް ފަހު ވަކި ވަކި ފުލުހުން ކޮމިޓީއަށް ހާޒިރުކުރިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުރުން ސަލާމަތީ ބާރުތަކުގެ 40 އަށް ވުރެ ގިނަ ފަރާތްތައް މި އިންކުއަރީގެ ބޭނުމަށްޓަކައި ކޮމިޓީއަށް ހާޒިރުކުރެވޭނެއެވެ. ކޮމިޓީން ލަފާކުރަނީ މި އިންކުއަރީ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.