މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރިޔަށް އޮތް ފަސް އަހަރަށް އެކުލަވާލައި ސްޓްރެޓީޖިކް ޕްލޭނެއް އިފްތިތާހުކޮށްފި އެވެ.

"ސްޓްރެޓީޖިކް ޕްލޭން 2020-2024" ތައާރަފްކޮށްދެއްވީ އިމިގްރޭޝަންގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

އިމިގްރޭޝަން އިން ބުނީ މި ޕްލޭންގެ މަގްސަދަކީ ދުރު ރާސްތާ އަމާޒަކަށް ވާސިލްވުމަށްޓަކައި ހިކުމަތްތެރިކަމާއެކު މަސައްކަތްތައް ރާވާ، އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކާއެކު ކަމާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން ޕްލޭނާ އެއްގޮތައް އިމިގްރޭޝަންގެ މަސައްކަތްތައް ތަންފީޒު ކުރުން ކަމަށެވެ.

އެގޮތުން މި ސްޓްރެޓީޖިކް ޕްލޭން އެކުލަވާލާފައި ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި ސަރުކާރުގެ ވައުދުތަކާއި އެއްގޮތައްވާ ގޮތައް ކަމަށް އިމިގްރޭޝަން އިން ބުންޏެވެ. 

މި ޕްލޭންގައި މައިގަނޑު ހަތަރު ދާއިރާއަކަށް އަލިއަޅުވާލާފައިވާނެ ކަމަށާއި އެގޮތުން އިމިގްރޭޝަންގެ ހިދުމަތްތައް ލާމަރުކަޒީކޮށް ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، އިމިގްރޭޝަން އޮފިސަރުންގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ތަމްރީން ޕްރޮގްރާމްތަކާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމާއި ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އަންނަ އަދި ރާއްޖެ އިން ފުރާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރަންސް ދިނުމުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް އިމިގްރޭޝަން އިން ބުންޏެވެ. މީގެ އިތުރުން ރާއްޖޭގެ މައިގްރޭޝަން ނިޒާމް އިތުރަށް ތަރައްގީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާނެ އަމާޒުތައް ކަނޑައެޅިފައިވާ ކަމަށް ވެސް އިމިގްރޭޝަން އިން ބުންޏެވެ.

ސްޓްރޭޓީޖިކް އެކްޝަން ޕްލޭން ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މުވައްސަސާތަކުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންއާ އެއްގޮތައް މުއައްސަސާތަކުގެ އެކްޝަން ޕްލޭން ތައާރަފްކޮށް އެ ޕްލޭންގެ ދަށުން މަސައްކަތް ކުރަމުން ދަނީ މީގެ ކުރިން ކޮށްފައި ނުވާ މިންވަރަށް ކަމަށެވެ. އަދި މިފަދަ މަސައްކަތްތައް މުހިންމު ވަނީ މިކަންކަމުގެ ސަބަބުން އެންމެނަށް ވެސް ކުރޔިަށް ދާންވީ މިސްރާބު ސާފުވެ، އެނޫން ދިމާލަކަށް ކައްސާކައިގެން ދާނަމަ އެކަން ފަސޭހައިން ދެނެގަނެވޭނެތީ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

ރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝާން މުހައްމަދު އަހުމަދު ހުސެއިން ވަނީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގެ މުހިންމުކަމާއި މި ޕްލޭންއާ އެއްގޮތައް ކަންތައްތައް ތަންފީޒު ކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައިފަ އެވެ. އެގޮތުން މި ޕްލޭނަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އިމިގްރޭޝަންގައި ޝާއިއު ކުރެވުނު ފުރަތަމަ ޕްލޭނަށް ވެފައި، ކުރާ މަސައްކަތަކީ އަބަދުވެސް ދުރާލާ ވިސްނާ ރާވައިގެން ކުރެވޭނެ ކަންކަމަށް ވުމަކީ މުއައްސަސާއަށް އަނަން އިތުރު ހަރުދަނާ ކަމެއް ކަމަށް ވެސް އޭނާ ވިދަޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.