މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ, ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު 13:30 ގައި އޮންނާނެ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ފަރާތުން ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރާއި, ސުޕްރިންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއުއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ މޭ މަހުގެ 6 ވަނަ ދުވަހުފެ ރޭ 8:20 ހާއިރު އެވެ. މި ހަމަލާ އެމަނިކުފާނަށް ދީފައިވަނީ، ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައިގޮވުމެއް ގޮއްވާލައިގެންނެވެ.
މި ހަމަލާއާ ގުޅިގެން ފުލުހުން ވަނީ މީގެކުރިންވެސް ނޫސްވެރިންނާ ބައްދަލުކޮށް، މައުލޫމާތު ހިއްސާކޮށްފައެވެ.