ދިވެހިރާއްޖޭގައި މަރުގެ
އަދަބު ކަނޑައެޅުން ހުއްޓާލުމަކީ މުސްތަހީލު ކަމެއް ކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. އޭޖީ އޮފީހުން މިގޮތަށް ހާމަކުރެއްވީ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު
(ޔޫ.ޕީ.އާރު)ގެ ތިންވަނަ ސައިކަލްގައި އިއްޔެ ބޭއްވުނު ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި
އޭޖީ އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ދެއްވި އޯޕަނިންގ
ސްޓޭޓްމަންޓްގައި، ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޛުކުރުމާ ގުޅޭގޮތުން
ދެއްކެވި ވާހަކަފުޅު ސާފުކޮށްދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ. 

މި ބަޔާނުގައި އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ތިންވަނަ ސައިކަލްގައި ދިވެހިރާއްޖެއިން ހުށަހަޅާފައިވަނީ، 2015 ވަނަ
އަހަރު ކުރިއަށްދިޔަ ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު
ހުށަހެޅުންތައް ތަންފީޛުކުރެވިފައިވާ މިންވަރާއި އޭގެ ފަހުން ލިބިފައިވާ
ކުރިއެރުންތައް ކަމަށެވެ. އެގޮތުން ދެވަނަ ސައިކަލްގައި
ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މަރުގެ
އަދަބު ދިނުން ހުއްޓާލައި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް
25 ޤައުމަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. 

ހަމައެހެންމެ އިއްޔެ ބޭއްވުނު ރިވިއު ސެޝަންގެ ކުރިން، ޤައުމުތަކުން ދިވެހިރާއްޖެއަށް ފޮނުވާފައިވާ އެޑްވާންސް ސުވާލުތަކުގައިވެސް، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ޤައުމުތަކަކުން ސުވާލުތަކެއް ކޮށްފައިވާކަމަށާއި އެހެންކަމުން، އިއްޔެ ކުރިއަށްދިޔަ ސެޝަންގައިވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގިނަ ހުށަހެޅުންތަކެއް ދިވެހިރާއްޖެއަށް ލިބޭނެކަމަށް ލަފާ ކުރެވުނު ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ. 

އެގޮތުން ދެ ސައިކްލަގެ ވެސް ލިބިފައިވާ އަދި ލިބޭނެ ކަމަށް ލަފާކުރެވޭ ހުށަހެޅުންތަކަށް ބަލައި ދިވެހިރާއްޖޭގައި މަރުގެ
އަދަބު ދިނުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން
ދިވެހިރާއްޖޭގެ ސިޔާސަތު މި ސެޝަންގައި ދިވެހިރާއްޖެއިން ބަޔާންކުރުމަކީ،
ކޮންމެހެން މުހިންމުކަމަކަށް ވެގެންދިޔަ ކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ. މަރުގެ އަދަބާއި ގުޅޭ ގޮތުން އޭޖީ ރިއްފަތުގެ އޯޕަނިންގ ސްޓޭޓްމަންޓްގައި ވާހަކަފުޅު ދެއްކެވީ އެހެން ޤައުމުތަކުގެ
ހުށަހެޅުންތައް ދިވެހިރާއްޖެއަށް ލިބުމުގެ ކުރިން، މިކަމުގައި ދިވެހިރާއްޖޭގެ
ސިޔާސަތު ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސާފުކޮށް ހާމަކޮށްދިނުމުށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. 

އެގޮތުން، ދިވެހިރާއްޖޭގެ
ޤާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ދިވެހިރާއްޖެއަކީ ސައްތައިން
ސައްތަ މުސްލިމް ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް
ޤާނޫނެއް އެކުލަވައިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީ ކަމަށާއި އެހެންކަމުން އެޓަރނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަޙީލުކަމެއްކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސާފާކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށް އެ އޮފީހުގެ ބަޔާނުގައި ވެއެވެ. 

މަރުގެ އަދަބު އުވާލުމާ
ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ
ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެކެވެ. އެގޮތުން ޑިސެންބަރު 2018 ގައި ކުރިއަށްދިޔަ އ.ދ. ގެ 73 ވަނަ ޢާންމު މަޖިލީހުގައި، މަރުގެ ޙުކުމް ތަންފީޛުކުރުން ހުއްޓުވުމާގުޅޭ އ.ދ. ގެ ޤަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، މި ސިޔާސަތު ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓްގެ ދަށުން އޮކްޓޫބަރު 2019 ގައި ދިވެހިރާއްޖެއިން ހުށަހެޅި ފޮލޯ-އަޕް ރިޕޯޓުގައިވެސް ދިވެހިރާއްޖޭގެ މި ސިޔާސަތު ހާމަކޮށްފައިވެއެވެ.

ިއްޔެ ކުރިއަށްދިޔަ ޔޫ.ޕީ.އާރު.
ގެ ދިވެހިރާއްޖޭގެ ސެޝަންގައިވެސް މަރުގެ އަދަބު އުވާލުމަށް ގާތްގަނޑަކަށް 29
ޤައުމަކުން ގޮވާލާފައިވާއިރު މި ސެޝަންގައި
ދިވެހިރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ހުށަހެޅުމެއް
ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.