ކުޅުދުފުށީ ރީޖަނަލް ހޮސްޕިޓަލަށް ދުވަސް ފުރައި ވިހަން ގެނައި މާބަނޑު މީހެއްގެ ބަނޑުން 2.4 ކިލޯގެ ސިސްޓެއް ނަގައިފިއެވެ.
ކުޅުދުފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ވިހަން ގެނައި މީހާގެ ބަނޑުގައި ސިސްޓެއް އިންކަން ފާހަގަކުރެވުނީ ހެދި ސްކޭނަކުން ކަމަށެވެ.
މިއާއެކު، 2 ގަޑިއިރަށް ދިގު ދެމިގެން ދިޔަ އޮޕަރޭޝަނުގައި ނެގި ސިސްޓުގެ ދިގު މިނުގައި 24 ސެންޓި މީޓަރު ހުރި ކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން މައުލޫމާތު ދިންއިރު، މި ސިސްޓުގެ ފުޅާމިނުގައި 20 ސެންޓިމީޓަރު ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މާބަނޑު އަންހެން މީހާގެ ބަނޑުން މި ސިސްޓު ނެގުނީ 2 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްގެން - ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ، ވިހެއުމުގެ އިތުރުން އޮޕަރޭޝަނަށް މި މާބަނޑު މީހާއަށް 3 ޕައިންޓް ލޭ ބޭނުން ކުރަން ޖެހުނު ކަމަށާއި، ނަމަވެސް އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލެވުނު ކަމަށެވެ.
މީގެއިތުރުން އެ މީހާގެ ވިއުމުގެ ކަންކަން ކާމިޔާބުކަމާއެކު ގޮސްފައިވާކަން ފާހަގަކޮށް ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ، ވިހެއި މީހާގެ އިތުރުން ދަރިފުޅުގެވެސް ހާލު ރަނގަޅުވުމުން ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ ކުޅުދުއްފުށި ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރ ޑރ. ލުތުފީ ބާޝާއެވެ. މިއީ ކުޅުދުފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރެވުނު މިފަދަ އެންމެ ބޮޑު އޮޕަރޭޝަންކަންވެސް ފާހަގަކޮށްލެވެއެވެ.