ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ބޭނުންވާ ރެޖިސްޓަރޑް ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ހެލްތުން ވަކިވަކިން ކުރި 2 އިއުލާނެއްގައި ރެޖިސްޓަރޑް ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަމުން ދާކަން ފާހަގަކޮށްފައިވާއިރު، މިއީ ވަގުތީ ގޮތުން ނެގޭ މުވައްޒަފުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް ނަރސިންގ ކެއަރ ދިނުމަށް އެޗްއީއޯސީގައި ވަގުތީ ގޮތުން މަސައްކަތް ކުރުމަށް ހެލްތުން ހޯދަން އިއުލާންކޮށްފައިވަނީ 10 ރަޖިސްޓަރޑް ނަރުހުންނެވެ.
ހެލްތުގެ އިއުލާނެއްގައި ނަރުހުންގެ މުސާރައެއްގެ ގޮތުގައި ގަޑި އިރަކަށް 61.26 ރުފިޔާ ކަނޑައަޅާފައިވާއިރު، މަގާމުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.
މި މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 17 ޖޫން 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް ހުށަހެޅުމަށް ހެލްތުން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.
ނަރުހުން ހޯދަން ހެލްތުން ކުރި އިއުލާނުގައި އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުގެ އިތުރުން ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލް ވަނީ ހިމަނާފައެވެ. އަދި މި އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީ-މެއިލް ކުރުމަށްވެސް ހެލްތުން ވަނީ އެދިފައެވެ.

ފޮޓޯ: ޕީއެސްއެމް
ކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި، އެފަރާތްތަކަށް ފަރުވާދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެޗްއީއޯސީގައި މަސައްކަތް ކުރުމަށް ހެލްތުން ހޯދަން އިއުލާންކޮށްފައިވަނީ 8 މެޑިކަލް އޮފިސަރުންނެވެ.
ހެލްތުގެ އިއުލާނުގައި މެޑިކަލް އޮފިސަރުންނަށް ގަޑި އިރަކަށް 88.50 ރުފިޔާ ހަމަޖައްސާފައިވާއިރު، މަގާމުގެ ޝަރުތަކަށް ކަނޑައަޅާފައިވަނީ މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުންމެވެ.
މި މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 17 ޖޫން 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ހުށަހެޅުމަށް ހެލްތުން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.
މެޑިކަލް އޮފިސަރުން ހޯދަން ހެލްތުން ކުރި އިއުލާނުގައި އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުގެ އިތުރުން ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލް ވަނީ ހިމަނާފައެވެ. އަދި މި އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީ-މެއިލް ކުރުމަށްވެސް ހެލްތުން ވަނީ އެދިފައެވެ.
މި އިއުލާންތަކާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީ-މެއިލް ކުރުމަށް ހެލްތުން ވަނީ އެދިފައެވެ.