ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 590 މީހެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 5،256 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 389 ކޭސް
- އަތޮޅުތެރެއިން - 195 ކޭސް
- ރިޒޯޓުތަކުން - 6 ކޭސް
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 20،014 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 191 އަށް ދައްވެފައެވެ.
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 67،538 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 47،333 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 182 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މިއަދު ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކއި އިތުރު ފިޔަވަޅުތަކެއް އަޅާފއެވެ. އެގޮތުން 12 މޭއިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ހެންދުނު 08:00 ކާފިއުގެ ވަގުތު ވަނީ ދިގުކޮށްފައެވެ.
މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނާކޮށްފައިވެއެވެ.