މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު މަޝްހޫރު ރޫޓް ފިހާރައިގެ 4 މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުން ހުއްޓުވި ސެކިއުރިޓީ ގާޑަށް އަކަމުގެ އަގުވަޒަންކޮށް ފުލުހުންގެ ފަރާތުން ހަނދާނީ ލިޔުން ދީފިއެވެ.
ބެންކް އޮފް ސިލޯނަށް ފައިސާ ޖަމާކުރުމަށް ދިޔަ ރޫޓް ގެ ވެހިކަލްގައި ތިބި މުވައްޒަފުންނަށް ހަމަލާދީ، އެ ވެހިކަލްގައި ހުރި ފައިސާ ފޭރުނު މީހުން ހުއްޓުވުމުގައި އެންމެ މުހިންމު ރޯލެއް އަދާކޮށްފައިވަނީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ސެކިއުރިޓީ ގާޑު އަޙްމަދު ހަސަން މަނިކުއެވެ.
ސޯޝަލް މީޑިއާގައި އާންމުވި އެ ހާދިސާ ހިނގި ވީޑިއޯއިން ފެންނަ ގޮތުގައި ރޫޓްގެ ފައިސާތައް ފޭރުމުގައި ހަރަކާތްތެރިވެފައިވަނީ 4 މީހުންނެވެ. އެ އެންމެން ވެސް ތިބީ ކަޅު ކުލައިގެ އެއްޗެހި ލައިގެން ހެލްމެޓާއި މާސްކު އަޅައިގެނެވެ.
ރޫޓްގެ ފައިސާތައް ޖަމާ ކުރަން އެ ކުންފުނީގެ ވޭން ބެންކް އޮފް ސިލޯން ކުރި މައްޗަށް މަޑު ކުރުމުން އެ ވޭނުގައި ތިބި މީހުންނަށް ހަމަލާ ދިނުމަށް ފަހު ފައިސާތައް ފޭރިގަންނަން އުޅުނެވެ. އެހެން ނަމަވެސް ބެންކުގެ ސެކިއުރިޓީ ގާޑާއި ރޫޓްގެ މުއައްޒަފުން ކުރި މަސައްކަތުން އެ ފޭރުން ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ.
ސެކިއުރިޓީ ގާޑުގެ މަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީލިޔުން ދިނުމަށް އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި އަޙްމަދު ހަސަން މަނިކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއީލް ނަވީން ވިދާޅުވީ، އަޙްމަދު ހަސަން މަނިކުގެ ޖެހިލުންކުޑަކަމާއި ހިތްވަރު ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާކަމަށެވެ. ދިވެހިންގެ ތެރޭގައި މަދުންނަމަވެސް މިކަހަލަ ކަންކަން ހުއްޓުވަން މަސައްކަތްކުރާ މީހުން އުޅޭ ކަމަށާއި، ބޮޑެތި ހާދިސާ ތަކުގައި ފުލުހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވައި އާންމު ރައްޔިތުންނަށްވެސް ނަވީން ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ފޭރުން ހުއްޓުވުމަށް އަޙްމަދު ހަސަން މަނިކުކޮށްފައިވާ މަސައްކަތުގެ އަގު ރޫޓު ފިހާރައިންވެސް ވަނީ ވަޒަންކޮށްފައެވެ. އެގޮތުން، ރޫޓު ފިހާރައިން 50،000 ރުފިޔާ އޭނާއަށް ހަދިޔާކޮށްފައިވެއެވެ. އަދި އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއްވެސް ދީފައިވެއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ބައެއް އޮފިސަރުންނާއި، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންގެ އިތުރުން ރޫޓްގެ ފަރާތުން ބައިވެރިވިއެވެ.