ސަރުކާރެއް ވައްޓާލާކަށް ފުލުހުންނެއް ދެނެއް ނުނިކުންނާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ މިއަދު ރާއްޖެ ޓީވީ އިން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
"ފަށާއިރު" ޕްރޮގްރާމްގައި ސީޕީ ހަމީދު ވިދާޅުވީ، ސަރުކާރު ވައްޓާލަން ފުލުހުން ނުކުތުން އެއީ މާޒީ ކަމަށެވެ. އެ މާޒީއިން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިފައިވާ ކަމަށާއި މިހާރު ތިބި ފުލުހުންނެއްވެސް، އަދި މުސްތަގްބަލުގައި އެ މުއައްސަސާއަށް ގުޅޭ ފުލުހުންވެސް އެފަދަ އަމަލެއް ނުހިންގާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
މީގެއިތުރުންވެސް، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރުލިބިފައި އޮތް މުއައްސަސާއަކަށް ހަދައި އެ މުއައްސަސާ ހަރުދަނާކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރެއް ވައްޓާލަން ނުނިކުންނާނެކަން ކަށަވަރުކުރެވިގެންދާނެކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
އަދި، ސީޕީކަމުގެ މަގާމުން ދުރަށްޖެހިވަޑައިގަންނަވާނީ ފުލުހުންގެ ތެރޭގައި އެ ޕްރޮފެޝަނަލިޒަމް ގާއިމްކުރުމަށްފަހު ކަމަށް ސީޕީވަނީ ވިދާޅުވެފައެވެ.
7 ފެބްރުއަރީ 2012 ވަނަ އަހަރު ފުލުހުންނާއި ސިފައިން، އޭރުގައޮތް ސަރުކާރާއި ދެކޮޅުވެ ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަތް ރައްޔިތުންކުރާ އިތުބާރުއޮތީ ވަރަށް ބޮޑަށް ގެއްލިފައެވެ. އެ އިތުބާރު އަނބުރާ ހޯދައި، ޕްރޮފެޝަނަލަލް ފުލުހުންތަކެއް ބިނާ ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.