ސަރުކާރުގެ އަމާޒަކީ ކުށްވެރިން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ، ރާއްޖެއިން އިންސާނީ ހައްގަށް ކުރާ މަސައްކަތް ރިވއު ކުރަން އދ.ގެ ޖެނީވާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި (ޔުނިވާސަލް ޕީރިއަޑިކް ރިވިއު)ގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

ޔޫޕީއާރުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ވިދާޅުވީ، މިހާރު ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖަލުތައްފުރި ޖާގައަށްވުރެ ގައިދީން އިތުރުވުންކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވިގޮތުން މިކަމުގެ އަސްލަކީ އެދެވޭ މިންވަރަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ނުހިންގުމެވެ.

އިމްރާން ވިދާޅުވީ، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިންނާއި، މުޖުތަމައުގައި އިޖުތިމާއީ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތައް ފަހިކޮށްދީގެންނާއި، ވޮކޭޝަނަލް ޕްރޮގްރާމްތަކުގެ ތެރެއިން ކުށްވެރިން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ. އަދި، މިކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގުމަށް ކަރެކްޝަނަލް ސަރވިސްގެ ރިހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑް އުފައްދާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުތައް އޮޑިޓްކޮށް، ރަނގަޅުކުރަންޖެހޭ ކަންތައްތައް ދެނެގަނެވިފައިވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެއިތުރުންވެސް، ޖަލުގައި ތިބޭ ފަރާތްތަކާ ގުޅޭ ޝަކުވާ ހުށަހަޅާނެ ހާއްސަ ހޮޓްލައިނެއް ގާއިމްކޮށް، ކަރެކްޝަން އޮފިސަރުން ޖަވާބުދާރީ ކުރުމުގެ ނިޒާމެއް ގާއިމްކުރެވިފައިވާކަން އިމްރާން ފާހަގަކުރެއްވިއެވެ. އޮފިސަރުންގެ ސުލޫކީ މިންގަނޑު ހިފަހެއްޓުމުގެ އުސޫލު ގާއިމްކޮށް، އޮފިސަރުންގެ ފަރާތުން އަނިޔާވެރި އަމަލެއް ހިނގައިފިނަމަ ހިޔުމަންރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ރެފަރަލް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކަރެކްޝަން އޮފިސަރުންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، 2021 ވަނަ އަހަރުގެ ނިމޭއިރު ޖަލުތަކާއި މީހުން ބަންދުގައި ބައިތިއްބާ ތަންތަނުގައި ތިބޭ ހުރިހާ އޮފިސަރުންނަކީ ނެލްސަން މަންޑޭލާ ރޫލްސްއަށް އަހުލުވެރި އޮފިސަރުންނަށް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންގެންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޔޫޕީއާރު ވަރކިންގ ގްރޫޕުގެ 36 ވަނަ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، އަބުރުގެ ގާނޫނު އުވާލުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންގެންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.