ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތައް ޔޫރަޕުގެ ގަދަ ދެ ބާރު ކަމަށްވާ ޔުވެންޓަސް އަދި ބާސެލޯނާ ކާމިޔާބުކޮށްފިއެވެ. 

އަމިއްލަ ދަނޑުގައި ޔޫކްރެއިންގެ ޑީނަމޯ ކިއޭވްއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ލިއޮނެލް މެސީއެވެ. ބާސެލޯނާގެ ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރު ޖެރާޑް ޕީކޭއެވެ. ޑީނަމޯ ކިއޭވްއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 75 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ވިކްޓަރ ސިގަންކޯވްއެވެ. 

މި ގްރޫޕްގެ ދެވަނަ މެޗުގައި ޔުވެންޓަސްއިން ވަނީ ރަށުން ބޭރުގައި 4-1 އިން ފެރެންވަރޯސް ބަލިކޮށްފައެވެ. މި މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ދެ ލަނޑު އަލްވާރޯ މޮރާޓާ ޖަހައިދިންއިރު ތިންވަނަ ލަނޑު ޖަހައިދިނީ ޕައުލޯ ޑިބާލާއެވެ. އެޓީމުގެ ހަތަރުވަނަ ލަނޑަކީ ފެރެންވަރޯސް ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފެރެންވަރޯސްގެ ލަނޑު 90 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ފްރެންކް ބޮލީއެވެ. 

މި މެޗުތަކާއެކު ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ބާސާއެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ތިންވަނަ އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލިބެނީ ޑީނަމޯ ކިއޭވް އަށެވެ. ހަތަރުވަނަ ލަނޑުގެ ތަފާތުން ލިބެނީ 25 އަހަރަށްފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އަންނަ ފެރެންވަރޯސްއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.