އެމެރިކާގެ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓަކަށް މިފަހަރުގެ އިންތިހާބުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑެން ވެވަޑައިގެންފިއެވެ. 

އެމަނިކުފާނު ވަނީ މިހާތަނަށް 71.2 މިލިއަން ވޯޓު ހޯއްދަވާފައެވެ. މީގެކުރިން މި ރެކޯޑް އޮންނަނީ އެގައުމުގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ބަރަކް އޮބާމާގެ އަތްޕުޅުގައެވެ. އެމަނިކުފާނު 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ 69.4 މިލިއަން ވޯޓާއެކުއެވެ. ބައިޑެންއަކީ އޮބަމާ ވެރިކަން ކުރެއްވި ދެ ދައުރުގައި ވެސް އެމަނިކުފާނުގެ ނައިބް ރައީސްއެވެ. 

ބައިޑެންއަށް މިހާ ގިނަ އަދަދަކަށް ވޯޓު ލިބިވަޑައިގެންނެވި މައިގަނޑު ސަބަބަކީ މިފަހަރުގެ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އިތުރުވުމެވެ. އެގޮތުން މިދިޔަ ގަރުނުގެ ތެރޭގައި މިފަހަރުގެ އިންތިހާބު ވެގެންދާނީ އެންމެ ގިނަ މީހުން ވޯޓުލި އިންތިހާބަށެވެ. އާލީ ވޯޓިންއަށް ހުޅުވާލުމާއެކު 102 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލިއެވެ. 

މެއިލް-އިން ވޯޓުތައް އަދިވެސް ނުގުނި ހުރިއިރު ބެލެވޭ ގޮތުގައި އެ ވޯޓުތައް ގުނުމާއެކު އަނެއްކާ ވެސް މި އަދަދު ބަދަލުވެ ބައިޑެންއަށް ވޯޓު އިތުރުވެގެންދާނެއެވެ. އެގޮތުން ޕެންސެލްވީނިއާ، ނެވާޑާ އަދި ޖޯޖިއާއިން މެއިލް-އިން ވޯޓުތައް ގުނުމުގެ މަސައްކަތް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ނިމިގެންދާނެއެވެ. 

މުޅި ޖުމްލަ ވޯޓުގެ 87 އިންސައްތަ ގުނާ ނިމިފައިވާއިރު ބައިޑެން ވަނީ 50.3 އިންސައްތަ ހޯއްދަވާފައެވެ. ރައީސް ޑޮނާލްޑް ޓްރަމްޕްއަށް ލިބިވަޑައިގެންނެވީ 48.1 އިންސައްތައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.