އިމަރޖެންސީ މެޑިކަލް ހާލަތްތަކަށް ވަކި ހާއްސަ ހިދުމަތްތަކެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީއިން މިގޮތަށް ނިންމާފައިވަނީ ދާދިފަހުން ކޮވިޑް-19 ގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގަށްފަހު އާއްމުކުރި ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ވަނީ މިޝްކާގެ މަރުގައި އެމްބިއުލަންސް ލަހުން ފަރުވާ ދިނުމަށް ދިޔުމާއި ގުޅިގެން އިހުމާލުތަކެއް އޮތް ކަމަށް ބަޔާންކޮށްފައެވެ. އެގޮތުން

މިޝްކާގެ ހާލު ދެރަވެ ކޯލް ސެންޓަރަށް އެކަން އެންގުމުން އެމްބިއުލަންސް ފޮނުވުމަށް ނިންމި ނަމަވެސް އެމްބިއުލަންސް އެކްޓިވޭޓް ކޮށްފައިނުވާކަން ވަނީ އެނގިފައެވެ. އެތައް ގަޑިއިރެއްފަހުން އެމްބިއުލަންސް ދިޔައީ ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން މީހަކު އެޗްއީއޯސީއަށް އައުމުން ކަމަށާއި އަދި އެމްބިއުލަންސް ދިޔައިރު މިޝްކާގެ ހަރަކާތެއް ނެތުމުން ވަގުތުން ސީޕީއާރު ފެށި ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

މި ހާދިސާގައި އެމްބިއަލަންސް ޓްރިގަރ ކުރަން ޖެހޭ ވަގުތު ކޮށްފައިނުވާ ކަމަށާއި ޓްރިގަރ ކުރުމަށް 2 ގަޑިއިރާއި 26 މިނެޓު ހޭދަވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީއިން ވަނީ އިމަރޖެންސީގައި އަމަލުކުރަމުންދާ އުސޫލްތަކަށް ބަދަލު ގެނައުމަށް ނިންމާފައެވެ. އެގޮތުން އިމަރޖެންސީ ހިދުމަތްތަކަށް ވަކި ނަންބެއް ގާއިމްކޮށް ވަކި ހިދުމަތެއްގެ ގޮތުގައި ފެށުމަށް ވަނީ ނިންމާފައެވެ. މި ހިދުމަތް ފެށުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާއިރު ނޭޝަނަލް އެމްބިއުލަންސް ހިދުމަތެއް ތައާރަފްކުރުމަށް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ.

ނޭޝަނަލް އެމްބިއުލަންސްގެ ހިދުމަތާއެކު ހިދުމަތް ދެވިގެންދާނީ އެއް ހިދުމަތެއްގެ ގޮތުގައެވެ. އެގޮތުން އެންމެ ނަންބަރަކަށް ގުޅާލުމުން އެމްބިއުލަންސްގެ ހިދުމަތް ހަމަޖެހިގެންދާނެއެވެ. އަދި މިހާރު އެމްބިއުލަންސްގެ ހިދުމަތް ހޯދުމަށް ދިމާވީ ދަތިތަކަށް މިއާއެކު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ. އަދި އިމަރޖެންސީގެ ހާލަތްތަކުގައި އަވަށް ބަލި މީހާއަށް ފަރުވާ ދެވޭނެ އިންތިޒާމްތައް މި ހިދުމަތާއެކު ގާއިމްކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ވެސް ބަދަލުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެގޮތުން މަދު ވަގުތުކޮޅެއްގެ ތެރޭގައި އިމަރޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލަންސް ޓްރިގަރ ކުރެވޭނެ ގޮތްތަކެއް ގާއިމްކޮށް ކޭސްތަކަށް ޑޮކްޓަރުން އެޓެންޑް ވޭތޯ ބެލުމަށް ވެސް އިންތިޒާމް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.