ރާއްޖެއިން ކޮވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު މަރުވެ، ބަލީގައި މަރުވި ޖުމްލަ އަދަދު 176 އަށް އަރައިފި އެވެ.
ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން މިއަދު ހަވިރު 16:24 ގައި މަރުވެފައިވަނީ 37 އަހަރުގެ ސްރީލަންކާގެ ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެވެމުން ދަނިކޮށެވެ.
ކޮވިޑުގައި މި މަހު އެކަނި ވެސް 15 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި 648 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 22,375 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި 213 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 66,516 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.