ރާއްޖޭގައި މަރުގެ އަދަބު ދިނުން އުވާލެވޭނީ އެކަމަށް ރައްޔިތުންގެ ތާއިދު އޮތްތޯ ބެލުމަށް ހިޔާލު ހޯދައިގެން ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. 

ބަންޑާރަ ނައިބު މިހެން ވިދާޅުވީ، ރާއްޖެއިން އިންސާނީ ހައްގަށް ކުރާ މަސައްކަތް ރިވއު ކުރަން އދ.ގެ ޖެނީވާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި (ޔުނިވާސަލް ޕީރިއަޑިކް ރިވިއު)ގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ. 

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ މަރުގެ އަދަބު ކަނޑައަޅާފައިވެއެވެ. މިހާތަނަށް ތިން މީހެއްގެ މައްޗަށް ތިން މަރުހަލާއިން މަރުގެ އަދަބު ދޭން ވަނީ ސާބިތުވެފައެވެ. ނަމަވެސް މިހާތަނަށް ތަންފީޒު ކުރެވިފައެއް ނުވެއެވެ. ރާއްޖޭގައި މަރުގެ އަދަބު އުވާލުމަށް ޔޫރަޕްގެ ގައުމުތަކާއި ޖަމިއްޔާތަކުން އެކި ފަހަރު މަތިން ގޮވާލާފައިވެއެވެ. 

އެކަމަށް އިޝާރަތް ކުރައްވާ ވާހަކަ ދައްކަވަމުން ރިފްއަތު ވިދާޅުވީ މަރުގެ އަދަބު އުވާލުމަށް ގޮވާލާ ގޮވާލުންތައް ފާހަގަ ކުރައްވާ ކަމަށާއި ނަމަވެސް ގާނޫނުތައް ބަދަލުކޮށްގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށެވެ. ރާއްޖޭގައި މަރުގެ އަދަބު ގާނޫނުގައި އޮތް ނަމަވެސް ތަންފީޒު ކުރުން މަޑުޖައްސާލާފައިވާ ކަމަށާއި އެކަން ދަމަހައްޓާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ. 

ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒު ކުރުމަށްވުރެ ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ގާނޫނުތަކަށް ބަދަލު ގެނައުމަކީ މާބޮޑު އިސްކަމެއް ދީގެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެ މަސައްކަތް މިހާރު ވެސް ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.