އީރާންގެ ފޮރިން މިނިސްޓަރ ޖަވާދު ޒާރިފު ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި | ފޮޓޯ: އޭއެފްޕީ

އދ. ގެ އާންމު މަޖލީހުގައި އީރާނަށް އޮތް ވޯޓުލުމުގެ ހައްގު ސަސްޕެންޑް ކުރުމަށް އެ ޖަމިއްޔާއިން ނިންމައިފިއެވެ.

އދ. އިން މިގޮތަށް ނިންމާފައިވަނީ އެ ޖަމިއްޔާގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އީރާނުން ދައްކަން ޖެހޭ 16.2 މިލިއަން ޑޮލަރު ދައްކާފައި ނުވާތީއެވެ. އދ. ގެ ގަވާއިދުތައް ބުނާ ގޮތުން ދެ އަހަރު ދުވަސް ވަންދެން ދައްކަން ޖެހޭ ފައިސާ ނުދައްކާ ނަމަ ވޯޓު ލުމުގެ ހައްގުން އެ ގައުމެއް ސަސްޕެންޑް ކުރެވޭނެއެވެ.

އީރާނުން ވަނީ މިއީ އެއްވެސް އިންސާފެއް ނެތް ގޮތަށް އދ. އިން ނިންމާފައިވާ ނިންމުމެއް ގޮތަށް ސިފަކޮށްފައެވެ. އެގައުމުން ގަބޫލުކުރާ ގޮތުގައި މި ފައިސާ ދެއްކިފައިނުވަނީ އެމެރިކާއިން އެގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެންނެވެ. އެމެރިކާގެ ރައީސްގެ މަގާމުގައި ޑޮނާލްޑް ޓްރަމްޕް ހުންނެވިއިރު ވަނީ އީރާނާއެކު 2015 ވަނަ އަހަރު ސޮއިކުރު ނިއުކްލިއަރ އެއްބަސްވުމުން ވަކިވެ އެގައުމާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އދ. އިން އެޅި މި ފިޔަވަޅު އީރާނުން ބަލައިގަނެފައިނުވާއިރު އެގައުމުގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފް ވަނީ އެ ފައިސާ އދ. އަށް ފޮނުވިފައި ނުވަނީ އެމެރިކާއިން އަޅާފައިވާ އިގްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ފިޔަވަޅުތަކަކީ އެގައުމަށް އެއްވެސް ބާރެއް ނުފޯރުވޭ ފިޔަވަޅުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އާންމު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ފަސް ގައުމެއްގެ ވޯޓުލުމުގެ ހައްގު ސަސްޕެންޑް ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމުތަކުގެ ބާރެއް ނެތި ފައިސާ ނުދެއްކިފައިނުވާނަމަ އެގައުމުތަކަށް އަލުން ވޯޓުލުމުގެ ހައްގު ދެވިދާނެ ކަމަށް ވެސް މި ސިޓީގައި ގުޓަރޭޒް ވިދާޅުވެފައިވެއެވެ.

އީރާންގެ ފޮރިން މިނިސްޓަރު ވަނީ ގައުމުތަކުގެ މެދުގައި އޮތް ހަމަހަމަކަން ނެތިގެންދާ ފަދަ ނިންމުންތައް ތަންފީޒު ނުކުރުމަށް ގޮވާލައްވާފައެވެ. އަދި އދ. ގެ ޗާޓަރުގައިވާ ގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމާއި ގުޅިގެން އީރާނުން ވަނީ ޔޫރޭނިއަމް ފައްކާކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ އެ އެއްބަސްވުމަށް އަލުން އެގައުމުގެ ރުޖޫއަވާނެ ކަމުގެ ސިގްނަލްތަކެއް ދެއްވާފައެވެ. ދުނިޔޭގެ ގަދަ ބާރުތަކުން މިހާރު ވެސް އެ އެއްބަސްވުން އިޔާދަކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނައިރު އަންނަ ހަފްތާގެ ތެރޭގައި ވެސް މިކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށްދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.