ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ތޯމަސް ޓުޗެލް އައުކޮށްފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގު އެޓީމަށް ކާމިޔާބުކޮށްދިން ޓުޗެލް ވަނީ ދެ އަހަރު ދުވަހަށް އިތުރުކޮށްފައެވެ. ޗެލްސީއާ ޓުޗެލް އެންމެ ފުރަތަމަ ހަވާލުވީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީއިން އޭނާއަށް އައު ކޮންޓްރެކްޓެއް ހުށަހެޅީ ޗެމްޕިއަންސް ލީގު އޭނާ ކާމިޔާބުކޮށްދިނުމާއި ގުޅިގެންނެވެ.
ޗެލްސީގެ ކޯޗުގެ މަގާމާއި ޓުޗެލް ހަވާލުވީ އެ މަގާމުގައި ކުރިން ހުރި އެޓީމުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ވަކިކުރުމާއި ގުޅިގެންނެވެ. ޗެލްސީއާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަދި ފްރާންސްގެ ޕީއެސްޖީއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.
ކޮންޓްރެކްޓް އައުކުރުމަށްފަހު ޗެލްސީގެ ވެބްސައިޓާއި ވާހަކަ ދައްކަމުން ޓުޗެލް ބުނީ މިއީ ކޮންޓްރެކްޓް އައު ކުރަން އެންމެ މުނާސަބު ވަގުތު ކަމަށެވެ. ޗެލްސީއާއެކު ކުރަމުންދާ ތަޖުރިބާތަކަށް ޝުކުރުވެރިވާ ކަމަށާއި އަދިވެސް ހޯދަން ހުރި ކާމިބުތައް ގިނަ ކަމަށް ބުނެ ޓުޗެލްވަނީ އަންނަ ސީޒަނަށް ތައްޔާރުވުމަށް މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށް ހާމަކޮށްފައެވެ.
ޗެލްސީއާ ހަވާލުވުމަށްފަހު ޓުޗެލް ވަނީ އެޓީމަށް މުހިންމު މެޗުތަކެއް ކާމިޔާބުކޮށްދީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިދީފައެވެ. އެފްއޭ ކަޕްގެ ފައިނަލުގައި ލެސްޓަރ އަތުން ޗެލްސީ ބަލިވިއިރު ޔުއެފާ ޗެމްޕިއަންސް ލީގު އެޓީމުން ކާމިޔާބުކުރީ ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހުއެވެ.