ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ހާއްސަ ކުރުމުން ހައިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފިއެވެ. 

ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް ވަކި ދާއިރާތަކެއް ކަނޑައަޅައި އެއީ ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ހަދަން މަޖިލީހުން ވަނީ ގާނޫނެއް ފާސްކޮށްފައެވެ. އެކަން އުވާލުމަށް މޫސާ އަންވަރު ވަނީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.

މައްސަލާގައި މިއަދު ބޭއްވި އެންމެ ފަހު އަޑުއެހުމުގައި އެންމެ ފަހު ބަސް ބުނުމުގެ ފުރުސަތު ވަނީ ދީފައެވެ. މޫސާ އަންވަރާއި ދައުލަތުން ވެސް މިއަދު ވަނީ މައްސަލާގައި ހުލާސާކޮށް ވާހަކަ ދައްކާފައެވެ. 

މޫސާ އަންވަރު ހުށަހަޅާފައިވާ ގޮތުގައި އަންހެނުންނަށް ގޮނޑި ހާއްސަކުރުމަކީ އިންސާފެއް ނޫނެވެ. އަދި އެއީ ޑިމޮކްރަޓިކް ގޮތެއް ވެސް ނޫނެވެ. އެހެންވެ އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނެސްފައިވާ އެ ބަދަލު ބާތިލްކޮށްދިނުމަށެވެ. 

އެކަމަށް ރައްދުދީ މީގެކުރިން ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ވިދާޅުވީ މީގެކުރިން ބޭއްވި ކައުންސިލްގެ އިންތިހާބުތަކަށް ބެލުމުން ވެސް އިންތިހާބުވީ އަންހެނުންގެ އަދަދު ވަރަށް މަދު ކަމަށެވެ. އަދި، ރާއްޖޭގައި އަންހެނުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދޭން ޖެހޭ ކަމަށް ޔޫއެންޑީޕީއިން ވެސް ހުށަހަޅާފައިވާ ކަމަށް ވަކީލް ވިދާޅުވިއެވެ. އަންހެނުންނަށް ކައުންސިލްތަކުގައި ގޮނޑިތަކެއް ހާއްސަކުރުމަކީ ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯއެއްގައި ހިމެނޭ ވައުދެއްކަން ވެސް ފާހަގަ ކުރެއްވިއެވެ.

އެގޮތުގެ މަތިން މަޖިލީހުން އެކަމަށް ބިލެއް ފާސްކޮށް ރައީސް ތަސްދީގު ކުރުމާއެކު އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވިފައިވާ ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ގާނޫނު އަސާސީއާ ހިލާފު ކަމެއް ނޫން ކަމަށް ގިނަ ހެކިތަކެއް ދައްކަވަމުން ވަކީލް ވިދާޅުވިއެވެ.

މައްސަލަ ހުށަހެޅުއްވި މޫސާ އަންވަރު ބަޔާން ކުރައްވާ ގޮތުގައި އެކަމަކީ ގާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާއާ ހިލާފު ކަމެކެވެ. މިކަމުގެ ސަބަބުން ތަފާތު ނުކުރުމުގެ ހައްގު ގެއްލިގެން ގޮސް ފިރިހެނުންގެ ހައްގުތައް ގެއްލި އެމީހަކު ބޭނުންވާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ވެސް ގެއްލިގެންދެއެވެ.

ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވީ އަންހެނުންނަށް ކައުންސިލްގައި ގޮނޑިތަކެއް ހާއްސަ ކުރުމަކީ ތަފާތު ކުރުމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ހަގީގަތުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. ވަކީލް ވިދާޅުވި ގޮތުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކޮށްފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައިވަނީ މުޖްތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ ތަފާތުކުރުމެއް ކަމުގައެއް ނުވާނެ ކަމަށެވެ. ވަކީލް ވިދާޅުވީ އަންހެނުންނަކީ އިޖުތިމާއީ ގޮތުން ރައްކާތެރިކަން ދޭން ޖެހިފައިވާ ބައެއް ކަމަށާއި އިންތިހާބީ މަގާމުތަކަށް އައުމުގައި އެމީހުންނަށް ދަތިތައް އެބަހުރި ކަމަށެވެ. މިފަދަ ގޮތަކަށް އަންހެނުންނަށް ގޮނޑިތައް ހާއްސަ ކުރުން ނުވަތަ އެކަމަށް މަގުފަހިކޮށް ދިނުމަކީ ދިމިގްރާތީ އެހެން ގައުމުތަކުން ވެސް ކުރަމުން ގެންދާ ކަމެއްކަން ވަކީލް ފާހަގަ ކުރެއްވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.