ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި "މޮޅު ކުދިންނަށް" ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވިދާޅުވެ، ސިފައިންގެ ހިދުމަތުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ އުސޫލުތަކާއި ހިލާފުކަމެއް ކަމަށް ބުނެ އެމްއެންޑީއެފް އިން ނެރުނު ނޫސްބަޔާނާ ގުޅިގެންނެވެ.

އެމްއެންޑީއެފްގެ ނޫސްބަޔާން ކޯޓް ކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭންކް އެންޑް ފައިލް ނުވަތަ އާންމު ސޯލްޖާ ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް "ޓޮޕް ބްރާސް" ގެ އެއްވެސް ނިންމުމެއް ނިންމިގެން ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި "މޮޅު ކުދިންނަށް" ބަސް ނުބުނެވޭގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއެންޑީއެފުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ ރައީސް ނަޝީދަ ށްއަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަަމަލާއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ހިންގާފައިވާ އިންކުއަރީއަށް ގައުމީ ދިފާއީ ބާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުންދީ މައުލޫމާތު ހިއްސާކުރަމުން ގެންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކާއި ފިޔަވައި އެހެން ފަރާތްތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމުގައި ވާހިނދު ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައިވާ އުސޫލްތަކާއި ހިލާފް ކަމެއް ކަަމަށެވެ.

މިކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެބާރުގެ ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތާއިމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.