ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި، ރާއްޖޭގެ ރިވިއު ސެޝަންގައި ހުށަހަޅާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން ރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމް ދީނުގެ އެއްވެސް އަސްލަކާއި ޚިލާފު ރެކޮމެންޑޭޝަނެއް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހާމަކޮށްފިއެވެ.

މިއަދުގެ ޖެނީވާ ގަޑިން 14:30 ގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މި ސެޝަން ފެށިގެންދާނެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ޔޫޕީއާރު ވާކިން ގްރޫޕްގެ މި ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ، އިން-ޕާސަން އަދި ވަރޗުއަލް ބައިވެރިވުން ހިމެނޭ، ހައިބްރިޑް މޮޑެލްއެއްގެ ގޮތުގައެވެ. 

މިއަދުގެ ސެޝަންގައި، ދިވެހިރާއްޖޭން ވޭތުވެދިޔަ 4 އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއުކުރެވޭނެއެވެ. ދިވެހި ރާއްޖެއިން މިއަދުގެ ސެޝަންއަށް 3 ފެބުރުވަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ޤައުމަކުން އެދިފައިވެއެވެ.

މި ސެޝަންގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލުކުރައްވާނީ، ރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލެގަޝޭންގެ ގޮތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ، އިކޮނޮމިކް މިނިސްޓަރުފައްޔާޒް އިސްމާއިލް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. 

ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދާއި، ރާއްޖެއިން އދއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން ވެސް މި ސެޝަންގައި އިން-ޕާސަން ބައިވެރިވެވަޑައިގަންނަވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.