ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް، ހިދުމަތް ދިނުމުގެ ގައުމީ ޕްލޭން އިފްތިތާހުކޮށްފި އެވެ.

ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ތައްޔާރު ކުރަން ޖެހޭ ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހުކޮށްފައި ވަނީ އެންވާރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ޕްލޭން އިފްތިތާހުކޮށްދެއްވީ އެ މިނިސްޓްރީގެ ވަޒީރު ޑރ. ހުސެއިން ރަޝީދެވެ. 

އެންވާރަމަންޓް މިނިސްޓްރީ އިން ބުނީ މި ޕްލޭންގައި ހިމެނޭ މައިގަނޑު ހަ ސިޔާސަތެއް ބިނާވަނީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް އެންމެނަށް ކަށަވަރުކޮށްދިނުމަށާއި ތިމާވެއްޓާއި ރައްޓެހި ހަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމެއް ތަރައްގީ ކުރުމަށް ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށާއި މި ދާއިރާއަށް މީހުން ހޭލުންތެރިކަން އިތުރު ކުރުމަށާއި ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް އަދި ފެން ބޮޑުވުމުގެ ކާރިސާތަކަށް ވިލުންވެރި މުޖުތަމައެއް ބިނާ ކުރުމުގެ މައްޗަށް ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެގޮތުން މި ޕްލޭނަކީ އޭގެ ލަނޑުދަނޑިތައް ހާސިލްކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ބޭނުން ހިފިދާނެ ޕްކޭންއެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ގުޅުން ކަމާ ގުޅުން ހުރި ވުޒާރާތަކާއި ކުންފުނިތަކާއި އޮފީސްތަކާ ގުޅިގެން ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.