ޖޫނިއަރ ކޮލެޖް އަދި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރުތައް ޤާއިމްކުރުމާއި ބެހޭގޮތުން ކައުންސިލްތަކާއި އެ ދާއިރާތަކަށް ނިސްބަތްވާ މަޖްލިސް މެމްބަރުންނާއިއެކު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން، ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި އަލަށް އިންތިހާބުވި ކައުންސިލްތަކުގެ މެމްބަރުންނަށް މި ޕްރޮޖެކްޓް ހިނގާ ގޮތުގެ ތަފްސީލް އަދި މި ޕްރޮޖެކްޓްގެ މަގްސަދާއި ބެހޭގޮތުން މިނިސްޓަރ ވަނީ ވާހަކަ ދައްކަވާފައެވެ.
މި ޕްރޮޖެކްޓަކީ މީހުން ބިނާކުރުމުގެ ގޮތުން ރަށްރަށުގެ އަދި އަތޮޅުތަކުގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދީ މަސައްކަތަކަށް ވެގެންދާނެ ކަމަށް މިނިސްޓަރ އިބްރާހިމް ހަސަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޖޫނިއަރ ކޮލްޖާއި ޓިވެޓް ސެންތަރުތައް ގާއިމްވެގެންދާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް އަތޮޅު ތެރޭގައި ފަހި ކުރުމަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ކުރެވޭ މަސައްކަތެއްގެ ގޮތުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޖޫނިއަރ ކޮލެޖާއި ޓިވެޓް ސެންޓަރު ގާއިމް ކުރުމާ ބެހޭ މަޝްވްރާތައް ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން ހަޔަރ މިނިސްޓަރ އިބްރާހިމް ހަސަން -- ފޮޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
މިއަދު މިނިސްޓަރ ބައްދަލު ކުރައްވާފައި ވަނީ ޖޫނިއަރ ކޮލެޖް، ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުތައް އަދި ޕޮލިޓެކްނިކް ކެމްޕަހެއް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެޅުމަށް ހަމަޖެހިފައި ވާ ރަށްތަކުގެ ކައިންސިލަރުންނާއެވެ.
މިނިސްޓަރު ބައްދަލުކުރެއްވި ދާއިރާތަކަކީ:
- ޖޫނިއަރ ކޮލެޖް: ހ.އ. ދިއްދޫ، ނ. ކެނދިކުޅުދޫ
- ޕޮލިޓެކްނިކް: ކ.ތުލުސްދޫ ހިންގުން ޕްރައިވެޓް ޕާޓީއަކާ ހަވާލު ކުރުން
- ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރ: ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ރ. އަލިފުށި
މިކަންކަމަކީ މަތީ ތަޢުލީމާއި ތަމްރީންގެ އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސއްކަތެއް
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މި އިންސިޓިއުޓްތައް ގާއިމްކުރެވޭނީ ދަނާލަކާއި އެކުގައި ކަމަށެވެ. އަދި މި ޒަމާނުގައި ދަނާލެއް ނެތްނަމަ އެހެން ރަށްރަށުން އަންނަ ކުދިންނަށް އެތަނުގައި ތިބެގެން ތައުލީމް ހާސިލް ކުރުންފަދަ ކަންކަމެއް ނުކުރެވޭނެތީވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް މިކަހަލަ އިންސްޓިޓިއުޓްތައް ހެދިގެން ދާއިރު ދަނާލެއްގެ ހިދުމަތް ބޭނުންވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު އިންވެސްޓަރުންނަށް އިމާރާތް އަޅަންދޭ ބިމުގައި އިތުރަށް ރެވެނިއު ޖެނެރޭޓް ކުރުމަށް އެހެނިހެން ކަންކަން ކުރެވިދާނެ ކަން ވެސް މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ފާހަގަ ކުރައްވާފައެވެ.
އިއްޔެ މި ބޭއްވި މި ބައްދަލުވުމުގައި ދާއިރާތަކަށް ނިސްބަތްވާ މަޖްލިސް މެމްބަރުން ވެސް ވާހަކަދައްކަވާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަށް ސަޕޯޓް ކުރައްވާ ވާހަކަ ދެއްކެވިއެވެ.
ކައުސިލްތަކުގެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި މިއީ ރަށްރަރަށުގެ ވަރަށް ތާއީދުކުރާ އަދި ރަށުގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީ ކުރިއަރައިގެންދާނެ ފަދަ މުހިންމު ޕްރޮޖެކްޓެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށް މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމުއް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް ކައުންސިލްތަކުގެ މެމްބަރުން ދެއްވި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.