ކުޅުދުއްފުށި ސިޓީގެ ފިހާރައެއްގައި މަސައްކަތްކުރާ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީއެއް ހިންގައި، މީހަކު ޒަހަމްކޮށްލައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:25 ގައެވެ. މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 28އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކުޅުދުއްފުށީގައި ހަމަލާދީފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މީނާއަކީ ކުޅުދުއްފުށީ "ބަރާބަރު" ނަމަކަށް ކިޔާ ފިހާރައިގެ މުވައްޒަފަކެވެ. މާރާމާރީ ހިންގާފައިވަނީ ފިހާރަ ތެރޭގައެވެ.
ޒަހަމްވެފައިވާ މީހާއަށް މިހާރުދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުންވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.