ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި، ރާއްޖޭގެ ރިވިއު ސެޝަންގައި އެޓާނީ ޖެނެރަލް އާއި ކެބިނެޓް މިނިސްޓަރުންތަކެއް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މި ސެޝަން އޮންނާނީ މިއަދުގެ ޖެނީވާ ގަޑިން 14:30 ގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ޔޫޕީއާރު ވާކިން ގްރޫޕްގެ މި ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ، އިން-ޕާސަން އަދި ވަރޗުއަލް ބައިވެރިވުން ހިމެނޭ، ހައިބްރިޑް މޮޑެލްއެއްގެ ގޮތުގައެވެ.
އެގޮތުން، މި ސެޝަންގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލުކުރައްވާނީ، ރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލެގަޝޭންގެ ގޮތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ، އިކޮނޮމިކް މިނިސްޓަރުފައްޔާޒް އިސްމާއިލް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދާއި، ރާއްޖެއިން އދއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން ވެސް މި ސެޝަންގައި އިން-ޕާސަން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޔޫޕީއާރުއަކީ، އދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ. މިއިއީ ކޮންމެ ހަތަރު އަހަރުކުން އެއް ފަހަރު ކުރިއަށްގެންދާ ޕްރޮސެސްއެކެވެ.
މިއަދުގެ ރިވިއު ސެޝަންގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖޭން ހާސިލްކޮށްފައިވާ ކާމިޔާބީއާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަރވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، އަދުލު އިންސާފާއި، މުޖުތަމަޢުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހިޔާލުފާޅުކުރުމާއި ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމުގެ މިނިވަންކަމާއި، ބިދޭސީ މަސައްކަތްތެރިންނާގުޅޭގޮތުން މިނިސްޓަރުން އިންޓާވެންޝަން ހުށަހަޅުއްވާނެއެވެ.
މީގެއިތުރުންވެސް، މިއަދުގެ ސެޝަންގައި، ރާއްޖޭން 3 ފެބުރުވަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާއި، މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
މި ފުރުސަތުގެ ބޭނުންކޮށް 97 ގައުމަކުން ރިކޮމެންޑޭޝަން ހުށަހެޅުމަށްވަނީ އެދިފައެވެ. މި ރިކޮމެންޑޭޝަންތައް ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫ.ޕީ.އާރުގެ ވަރކިންގ ގްރޫޕަށް އެންގުމަށް ދިވެހިރާއްޖެއަށް 14 ޑިސެންބަރު 2020 އާ ހަމައަށް ފުރުސަތުލިބޭނެއެވެ.
މިއަދު ބޭއްވޭ ޔޫޕީއާރުގެ ރާއްޖޭގެ ރިވިއު ސެޝަންއަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި، ޔޫ.ޕީ.އާރު. ގެ ވާކިން ގްރޫޕްގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ވަފުދުގައި ދައުލަތުގެ ގިނަ ވަޒީރުން ހިމެނިވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށް ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ.