ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދައްވަމުން އައިކަމުގައިވީނަމަވެސް ކޮވިޑް ވެކްސިން ޖަހާ އަދަދު އިތުރުނުވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
ވެކްސިނަކީ ކޮވިޑާއި ދެކޮޅަށް އޮތް އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި ކޮވިޑުން އަރައިގަނެވެން އޮތީ އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިން ޖެހުމުންނެވެ. ނަމަވެސް އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ވެކްސިން ޖެހުމަށް ރާއްޖޭގައި އޮތް ތަރުހީބު ވަނީ ކުޑަވެފަ އެވެ. ވަކިން ހާއްސަކޮށް ފުރަތަމަ ޑޯޒް ޖަހާ އަދަދު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ވެކްސިން ޖެހުމަށް އޮތް ތަރުހީބު ކުޑަވެ، ފާއިތުވި 24 ގަޑިއިރުތެރޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 429 މީހެކެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 88 މީހަކާއި، އަތޮޅުތެރެއިން ޖެހި 341 މީހެކެވެ.
ވެކްސިންގެ ދެވަނަ ޑޯޒް އިއްޔަ ޖެހިފައިވަނީ ޖުމްލަ 1،216 މީހަކަށެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި ގްރޭޓާ މާލެ ސަރަހައްދުން 287 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު، އަތަޅުތެރެއިން ޖަހާފައިވަނީ 929 މީހަކަށެވެ. މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހިަފއިވަނީ 170،105 މީހަކަށެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ހަލުވި ދުވެއްޔެއްގައި ކޮވިޑް ފެތުރެމުން އަންނައިރު ވެކްސިން ޖެހުމަށް އާންމުނެގެ ތެރޭގައި އޮތް ތަރުހީބު ކުޑަވުމަކީ ކަންބޮޑުވުމެކެވެ.
އެޗްޕީއޭއިން އާންމުކޮށްފާވާ ތަފާސްހިސާބުތަކުން ސައިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމަށް މުއްދަތު ހަމަވެ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ނުޖަހާ %70 އިންސައްތަ މީހުން އެބަތިއްބެވެ. އަދި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %39 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއްނުވެއެވެ.