ފާއިތުވެދިޔަ 24 ގަޑިއިރު ކޮވިޑަށް 648 މީހަކު ރާއްޖެއިން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 3,832 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 349 ކޭސް
- އަތޮޅުތެރެއިން - 270 ކޭސް
- ރިޒޯޓުތަކުން - 13 ކޭސް
- ތަރައްގީ ކުރެވެމުން އަންނަ ރަށްތަކުން - 16 ކޭސް
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 22,375 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 213 އަށް ދައްވެފައެވެ.
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 66,516 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 43,959 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 173 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މިއަދު ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކއި އިތުރު ފިޔަވަޅުތަކެއް އަޅާފއެވެ. އެގޮތުން 12 މޭއިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ހެންދުނު 08:00 ކާފިއުގެ ވަގުތު ވަނީ ދިގުކޮށްފައެވެ.
މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނާކޮށްފައިވެއެވެ.