ރައީސުލްޖުމްހޫރިއްޔާ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ އުސޫލުތަކާއި ޚިލާފުކަމެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަަމަލާއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ހިންގާފައިވާ އިންކުއަރީއަށް ގައުމީ ދިފާއީ ބާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުންދީ މައުލޫމާތު ހިއްސާކުރަމުން ގެންދާކަމަށެވެ.

ޤާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ލިބިދޭ ބާރުތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން ކޮންމެ މީހަކަށްމެ ކޮންމެ މުއައްސަސާއަކަށްމެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ހާޒިރުވެ ހެކިބަސް ދިނުމަށާއި، މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ.

އަދި ކޮންމެ މީހަކާއި ކޮންމެ މުއައްސަސާއަކާއި ރައްޔިތުންގެ މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް ނުވަތަ މުއައްސަސާއަކަށް އެނގިހުރެ އެންމެ ރަނަގަޅަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމުގައިވެސް އެމާއްދާގައި ބަޔާންކޮށްފައި ވާކަން ވަނީ ފާހަގަ ކޮށްފައެވެ.

ނަމަވެސް ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށާއި، އެވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ހިދުމަތެއްގެ ކަންކަމާއި ގުޅިގެން ރައީސް އަށާއި މަޖިލީހަށް އެވަޒީރަކު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ޤާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާހިނދު ސިފައިންގެ ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ ޤާނުނީ ބާރާއި އިހުތިޔާރު ބޭނުން ހިފާގޮތާއިމެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާއި މެދު ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އެކު ޖަވާބުދާރީ ވާންޖެހޭނީ ޗީޕް އޮފް ޑިފެންސް ފޯސް އަށް ކަމަށް ސިފައިންގެ ޤާނުނުގެ 17 ވަނަ މަޢްދާގެ ށ. ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސް އަށް ލިބިފައިވާ ޤާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތާއި މެދުގަ އާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާއި މެދު ޖަވާބުދާރި ވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ޤާނޫނުގެ 11 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން މިއަދު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ސިފއިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތްތަކާއިމެދުގަ އާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތްތާއި މެދު މިނިސްޓަރު، ސިފއިންގެ އެންމެ މަތީ ވެރިޔާއަށާއި، މަޖިިލީހަށް ޖަވާބުދާރީވާން ޖެހޭނެކަމަށް އެޤާނޫނުގެ 10 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއި ފިޔަވައި އެހެން ފަރާތްތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމުގައި ވާހިނދު ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައިވާ އުސޫލްތަކާއި ހިލާފް ކަމެއް ކަަމަށެވެ.

މިކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެބާރުގެ ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

ސިފައިންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތަކަށް ވެފައި ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ހިދުމަތަށް ނުކުންނަށް ބައެއް ކަމަށާއި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުން ހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަ ނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާއި މުއާމަލާތް ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާ ބައެއް ކަމަށް ސިފައިންގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ ސުއީޫލު ހަރުދަނާގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތާއިމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރައްޔިތުންގެ މަޖިިލީހުން ބަލަމުންދާ މައްސަލައަކާއި ގުޅޭގޮތުން ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާއި ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ އެ މައުލޫމާތެއް އެ މުއައްސަސާއިން ފޯރުކޮށްދޭނެކަމަށް ބަޔާނުގައި ވެއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.