ދ. އަތޮޅުގައި ހިންގަމުން އަންނަ ކަޑިންމަ ރިޒޯޓްއިން އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.
އެޗްއީއޯސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ކުރިން ޕޮޒިޓިވްވި 17 މީހުންނާއެކު، މިހާރު ޖުމްލަ 46 މީހަކު އެ ރިޒޯޓުންވަނީ ޕޮޒިޓިވްވެފައެވެ. މިއީ އެ ރިޒޯޓުން ނެގުނު 176 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ.
ކަޑިންމަ ރިޒޯޓްއިން ބަލިވެގެން ދ.އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު 60 އަހަރުގެ ދިވެއްސަކު މަރުވެފައިވާއިރު، އޭނާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނި، ޓެސްޓު ކުރުމަށްފަހު، ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެއީ ކޮވިޑްގެ މަރެއްކަމަށް އެޗްޕީއޭއިން ވަނީ 31 އޮކްޓޯބަރުގައި އިއުލާންކޮށްފައެވެ. މި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ ދެތިން ދުވަސް ފަހުންނެވެ.
އަދި އެ ރިޒޯޓުގައި ބަލީގެ އަލާމަތްތައް ހުރި މީހުން ތިބި ކަމުގެ ރިޕޯޓް ލިބިގެން ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެރަށަށް ފޮނުވަން އުޅުމުން އެކަމަށް އެއްބާރުލުން ލިބިފައިނުވާ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެވަގުތު އަލާމާތްތައް ހުރި މީހަކު ރިސޯޓުގައި ނެތް ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އަދި ހޮސްޕިޓަލާއި ރިސޯޓާ ދެމެދު މިކަމުގެ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް އެޗްއީއޯސީއިން ވަނީ ރޭ ހާމަކޮށްފައެވެ.
ކަޑިންމަ ރިޒޯޓަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، ފުރަން ބޭނުންވާ ޓޫރިސްޓުންނަށް ރިޒޯޓު ދޫކޮށް ދެވޭނީ ކޮވިޑް ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވެފައި ނުވާނަމަ، ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނެގެޓިވްނަމަ ކަމަށް އެޗްއީއޯސީއިން ވަނީ ހާމަކޮށްފައެވެ.