ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރިކަމުގެ ތުހުމަތުވާ މައްސަލައިގައި ދައުވާ އުފުލައިފިއެވެ.
މިކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ 'ޖަޒީރާ' އަށް ކަށަވަރުކޮށްދެއްވާފައެވެ. އެ އޮފީހުން ބުނީ އީސަގެ މައްޗައް އަނިޔާއެއް ދިނުމުގެ ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ދައުވާ އުފުލުމަށް ޕީޖީ އޮފީހުން ނިންމާފައިމިވަނީ އެ މައްސަލަ އެފޯހަށް ފޮނުވިތާ ދެ ދުވަސް ތެރޭގައެވެ.
އީސަގެ މައްޗަށް ކުރެވެނީ އަސްރާއަށް އަނިޔާކޮށް، އަސްރާގެ އަތުން ދަރިފުޅު ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް ވައްޓާލާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތެވެ. އެހެންނަމަވެސް އަސްރާ ވަނީ ދަރިފުޅުގެ ހައްގުގައި ކަމަށް ބުނެ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދިފަ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އީސަގެ މައްޗަށް ހިންގެނީ ޖިނާއީ ތަހުގީގެއް ކަމުން ތަހުގީގު ކުރިއަށް ދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ. އެ މައްސަލައާ ގުޅިގެން އީސަ ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުޤައްރިރުކަމުންވެސް އެކަހެރިކޮށްފައެވެ.