އިޓަލީގެ އިންޓަ މިލާން ބަލިކޮށް ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑްއިން ޔުއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު ރެއާލްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ރެއާލްއަށް ޖަހައިދިނީ ކަރީމް ބެންޒޭމާއެވެ. 33 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މިއީ އޭނާ ރެއާލް މެޑްރިޑަށް ޖަހައިދިން 100 ވަނަ ލަނޑެވެ. އެހެން ނަމަވެސް ލައުޓާރޯ މާޓިނޭޒް ވަނީ އޭގެ ދެ މިނެޓު ފަހުން ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު އިންޓައަށް ކުޑަކޮށްދީފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ރެއާލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި އިންޓައިން ވަނީ އެއްވަރުކޮށްފައެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެޓީމަށް އެއްވަރުކޮށްދިނީ އިވާން ޕެރިސިޗްއެވެ. މި މެޗުން ރެއާލް މޮޅުވި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރިގޯއެވެ.
މި ގްރޫޕްގެ ދެވަނަ މެޗުގައި ބްރޫޝިއާ ގްލެޑްބެކްއިން ވަނީ 6-0 އިން ޔޫކްރެއިންގެ ޝަކްތަރު ބަލިކޮށްފައެވެ. ގްރޫޕްގެ އެއްވަނައިގައި 5 ޕޮއިންޓާއެކު ގްލެޑްބެކް އޮތްއިރު ދެވަނައިގައި 4 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ރެއާލްއެވެ. ތިންވަނަ ޝަކްތަރަށް ލިބޭއިރު ގްރޫޕްގެ ފުލުގައި އޮތީ އިންޓައެވެ.