ދައުލަތުން އަހަރަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓާ ހިލާފަށް އެއްވެސް މަސައްކަތެއް ހަވާލުކޮށްފައި ނުވާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް މަޑު ޖައްސާލުމަށް ފަހު ބަޖެޓުގައި ނުހިމެނޭ މަޝްރޫއަކަށް 31 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމުމާ ގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރ. ދުވާފަރުގައި 31 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން ދަނީ މިހާރު ހިނގަމުންދާ ބަޖެޓުގެ ކޯޑުގެ ތެރޭގައި ކަމަށެވެ. އަދި  އާ ޕްރޮޖެކްޓެއް ގޮތުގައި ސޮއި ކުރީ ވޭރިއޭޝަންއެއް ގޮތުގައި މަސައްކަތް ކުރިޔަށް ނުގެންދިޔުމަށް ކަމަށާއި އެހެން ނަމަވެސް އެ މަޝްރޫއަށް ފައިސާ ހަރަދު ކުރާނީ ބަޖެޓުގެ ތެރެއިން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ބަޖެޓުގަ ނުހިމެނޭ ގޮތައް ކޮށް އުޅޭ މަސައްކަތް އަޅުގަނޑު ދަންނަނީ އިމަޖަންސީގަ ކޮށް އުޅޭ މަސައްކަތް. އެއީ ހާލަތެއް ދިމާވެގެން އެކަން އެހެން އޮތް ކަން އެސްޓެބްލިޝްވުމަށް ފަހު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އެއީ އެގޮތް ކަމަށް އެސްޓެބްލިޝްވީމަ ހުންނާނެ އެމަޖަންސީކޮށް ކުރަން ޖެހޭ މަސައްކަތް ކޮށްފަ. އެ ނޫނީ މި މަސައްކަތް ވެސް ކޮށްފަ މި އޮތީ މިހާރު ވެސް ހިނގަމުންދާ ބަޖެޓް ކޯޑުގެ ތެރެއިން،" އަސްލަމް ވިދާޅުވި އެވެ.

އެ މައްސަލާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ދައުލަތުން ބަޖެޓު ފާސް ކުރުމުގެ އުސޫލު ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ދައުލަތުން ބަޖެޓުގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭނީ އެ އުސޫލުތަކާ އެއްގޮތައް ކަމަށެވެ. އަދި ބަޖެޓުގައި ކަނޑައެޅިފައި އޮތް ކަމަކަށް އެ ފައިސާ ހަރަދު ކުރަން ޖެހޭނީ ކަނޑައެޅިފައި އޮތް ގޮތައް ކަމަށް އެ އުސޫލުގައި ލިޔެފައިވާ ކަމަށާއި އެ ނޫން ގޮތަކަށް އެއްވެސް ފައިސާއެއް ހަރަދެއް ނުކުރެވޭނެ ކަމަށް އަފީފް ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ބުނާ އުސޫލާ ހިލާފަށް ކީއްވެގެންތޯ ދައުލަތުން ފައިސާ ހަރަދު ކުރަނީ،" އަފީފް ސުވާލު ކުރެއްވި އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އޭނާ ގާނޫނުއަސާސީގައި އޮތް ގޮތައް ހިލާފަށް ކަމެއް ކުރަމުން ނުދާ ކަމަށެވެ. ދުވާފަރުގެ މަޝްރޫއު ކުރިޔަށް ގެންދަނީ އެ ރަށު މަގުގެ މައްސަލަ ސެކަންޑް ފޭސްއެއް ކުރިޔަށް ގެންގޮސްގެން ނޫނީ ހައްލު ނުވާނެ ކަމާއި ދައުލަތަށް އެންމެ ރަނގަޅުވާނެ ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިޔަށް ގެންދާނީ ވެސް ބަޖެޓުގެ ތެރެއިން ކަމަށް އަސްލަމް ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަށް ގާނޫނުއަސާސީއާ ނުވަތަ ގާނޫނާ ހިލާފަށް އެ މަސައްކަތް ހަވާލު ކުރެވުނު ކަމަކަށް،" އަސްލަމް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.