ހުޅުމާލޭގައި ސިޓީ ބައިކް ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބައިނަލްއަގްވާމީ ބައިސްކަލު ދުވަހުގެ މުނާސަބާތުގައި އިފްތިތާހު ކުރި ބައިކް ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި, ހުޅުމާލެއަށް އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހެޔޮ އަގުގައި ބައިސްކަލު ކުއްޔަށް ނެގުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ޕާކިންގ ޑޮކްސް އަދި ޑިޖިޓަލް ޕޭމަންޓް ހެދޭނެ ވަސީލަތްތައް ޤާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 300 ބައިސްކަލާއި އެކު ފަށާ މި ޕްރޮޖެކްޓަށް ފަންޑުކުރާނީ ބޭންކް އޮފް މޯލްޑިވްސްއިން ނެވެ.
މި ޕްރޮޖެކްޓާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ, މި މަސައްކަތަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅުނު އިތުރު މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.