އަންނަ އޯގަސްޓް މަހުގެ ނިޔަލަށް އެސްޓްރަޒެނިކާގެ 7 ލައްކަ ޑޯޒް ލިބި، ހުރިހާ ޝިޕްމަންޓެއް ހަމަވާނެ ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، އެސްޓްރަޒެނިކާ ވެކްސިންގެ ޝިޕްމަންޓްތައް ލިބޭނީ 3 ބަޔަކަށް ބަހާލައިގެން ކަމަށާއި، އޯގަސްޓްގެ ނިޔަލަށް ހުރިހާ ޝިޕްމަންޓެއް ލިބި ހަމަވާނެ ކަމަށެވެ.
ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މި މަސް ތެރޭގައި އަދި ދެވަނަ ޝިޕްމަންޓް ޖުލައިގައި ލިބޭއިރު، މި ދެ ޝިޕްމަންޓްގައިވެސް 2 ލައްކަ ޑޯޒް ހިމެނޭނެ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އަދި ފަހު ޝިޕްމަންޓް އޯގަސްޓް މަހު ރާއްޖެއަށް ފޯރާއިރު، އެ ޝިޕްމަންޓްގައި 3 ލައްކަ ޑޯޒް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެސްޓްރަޒެނިކާގެ 7 ލައްކަ ޑޯޒް ލިބުމުގައި ލަސްތަކެއް ދިމާވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، އެ ލަސްތަކަކީ ވެކްސިން އުފެއްދުމުގައި ދިމާވި ލަސްތަކެއް ކަމަށެވެ.
ވެކްސިން ގަތް އަގާމެދު ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާއިރު، މިނިސްޓްރަ ނަސީމް ވިދާޅުވީ، އެސްޓްރަޒެނިކާއިން ވެކްސިން ގަތް އަގު ހާމަ ކުރަން ހުއްދަވެސް ދީފައި ނުވާތީ އެކަން ކުރެވެން ނެތް ކަމަށެވެ.
ނަމަވެސް މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން މި ވެކްސިން ގަނެފައިވަނީ ހެޔޮ އަގެއްގައިކަން ދަންނަވަން ކެރިދާނެ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި އެސްޓްރަޒެނިކާއިން ހުއްދަ ދީފިނަމަ ވެކްސިންގެ އަގު ހާމަ ކުރައްވާނެ ކަމަށެވެ.
ރާއްޖެއަށް 7 ލައްކަ ޑޯޒް ވެކްސިން ގެނައުމަށްޓަކައި އެސްޓްރަޒެނެކާ ކުންފުންޏާއެކު ސޮއި ކުރުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަަކަށް އަމަލު ނުކުރުމަށް ނިންމާ، މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު ވަނީ ފިނޭންސް މިނިސްޓަރުގެ ގަރާރެއް ނެރެފައިވާއިރު، އެ އެގްރީމެންޓްގެ ދަށުން ރާއްޖެއަށް 7 ލައްކަ ޑޯޒް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން ދާތާ މިހާރު 4 މަސް ވަނީ ވެފައެވެ.
ރާއްޖެއަށް ވެކްސިން އަންނާނެ ކަމަށް މިހާތަނަށް އެޗްއީއޯސީން އަދި ހެލްތް މިނިސްޓްރީން ވަނީ އެކި ފަހަރު މަތިން ތާރީހުތަކެއް ދީފައެވެ. ނަމަވެސް މިހާތަނަށް ދިން ތާރީހުތައް ފަހަނައަޅައި ދިޔަ އިރުވެސް ވެކްސިން ނުލިބޭ ކަން ފާހަގަކުރެވެއެވެ.