ޖޫން 10ގެ ކުރިން އެސްޓީއޯގެ ހިއްސާދާރުންނަށް ޑިވިޑެންޑް ބަހަން އެ ކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ، މޭ 31 ވަނަ ދުވަހު އެ ކުންފުނިން ބޭއްވި އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، 2020 ވަނަ އަހަރުގެ ފައިދާ ބަހާފައިވާ ކަމަށެވެ. އެގޮތުން ހިއްސާއަކަށް 60 ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ބަހަން ފާސް ކޮށްފައިވާ ކަމަށެވެ.
އެސްޓީއޯއިން ބުނީ، 2020 ވަނަ އަހަރުގެ ހިއްސާދާރުންނަށް ދޭން ޖެހޭ ޑިވިޑެންޑް މިހާރު ރަޖިސްޓްރީ ކޮށްފައިވާ ބޭންކް އެކައުންޓަށް މި މަހު10ގެ ނިޔަލަށް، ޖަމާ ކޮށްދޭނެ ކަމަށެވެ.
ހިއްސާދާރުގެ ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓްރީ ކޮށްފައި ނުވާ ހިއްސާދާރުންގެ "ހިއްސާގެ ފައިދާ ބޭންކަށް ޖަމާ ކުރުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު އީމެއިލް ކޮށް ދިނުމަށް އެސްޓީއޯއިން އެދެއެވެ. މި ފޯމް އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ، ފޯމް ހުށަހަޅާތާ ހަފްތާއެއްގެ ތެރޭގައި ހިއްސާގެ ފައިސާ ޖަމާ ކޮށްދޭނެ ކަމަށެވެ.