މަރާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މަރު ތަހުގީގުކުރުމަށް ބޭރުގެ މާހިރަކު ދިވެހިރާއްޖެ އަތުވެއްޖެއެވެ.

2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަގަށް ނެގުމަށްފަހު މަރާލެވިފައިވާ ނޫސްވެރިޔާ ރިޟްވާންގެ މަރުގެ ތަހުގީގަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭރުގެ މާހިރަކު ތަހުގީގު ޓީމަށް ގުޅިފައިވާކަން ޖަޒީރާ ނޫހަށް ވަނީ ކަށަވަރުވެފައެވެ. 

އެގޮތުން، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާ ގުޅޭ ރިޔާސީ ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް ޖަޒީރާނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޭރުގެ މާހިރަކު ތަހުގީގު ޓީމާއެކު މަސައްކަތް ކުރާތާ ކުޑަ ދުވަސްކޮޅެއް މިހާރު ވެފައިވާކަމަށެވެ. 

މަރު ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު ޢައްޔަނުކުރެއްވުމަށް ރައީސް ސޯލިހު ނިންމަވާފައި ވަނީ، ޖުލައި މަހުގެ 02 ވަނަ ދުވަހު ރިޟްވާން އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދް ގެ ޢާއިލާތަކާއި އެމަނިކުފާނާއި ބައްދަލުކުރެއްވުމަށްފަހުއެވެ.

މަރު ކޮމިޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، 8 އޮގަސްޓް 2014 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެއިން ރިޟްވާން ވަގަށްނަގައި، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަދަކަށް އެރުވުމަށްފަހު އޭނާ ވަނީ މަރާލާފައެވެ. 

ރިޟްވާން މަރާލުމުގެ ކުރިން އޭނާ އަށް ޝަހާދަތް ލައިދީފައިވާކަމަށްވެސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ރިޟްވާން މަރާލުމަށްފަހު އޭނާގެ ހަށިގަނޑުވަނީ ކަނޑުފައްތާފައެވެ.

ރިޟްވާންގެ މައްސަލާގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ރިޟްވާން ގެއްލުވައިލުމާއި ގުޅޭ އިތުރު މަޢުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެފަދަ މަޢުލޫމާތު އެކޮމިޝަނާއި ޙިއްޞާ ކުރުމުގެ ފުރުޞަތު އަދިވެސް އޮތްކަމަށާއި އެފަދަ މައުލޫމާތު ދޭ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ވެސް އެކޮމިޝަނުން ވަނީ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.