އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރ ޖެނިފާ ލޮޕޭޒް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ މަޝްހޫރު ހޮލީވުޑް އެކްޓަރ ބެން އެފްލެކް އެކުގައި ފެންނަން ފެށިތާ ދުވަސްތަކެއް ވަނީ ވެފައެވެ.
މިހުސްވި މެއި މަަހުގެ ފަހުކޮޅުވެސް މި މި ދެތަރިން އެކުގައި މިއާމީގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯއެއް ވަނީ ދައުރުވާން ފަށާފައެވެ.
މި ފޮޓޯ ދައުރުވާން ފެށުމާއި އެކު މި ޖޯޑުގެ ގާތް މަސްދަރަކުން ވަނީ ޕީޕަލްސް މެގަޒިން އަށް އެދެމީހުން ގުޅުމާއި ބެހޭގޮތުން ވާހަަކަދައްކާފައެވެ.
މަސްދަރުން ހާމަކޮށްފައިވާގޮތުން އެދެލޯބިވެރިންގެ ދިރިއުޅުން ވަރަށް އުފާވެެރި ކަމަށާއި، މި ޖޯޑުގެ "ފިއުޗަރ" އާ މެދު މަޑުމަޑުން ވިސްނަމުންދާ ކަމަށެވެ. މަސްދަރުން ބުނެފައިވާ ގޮތުގައި އެ ދެތަރިންގެ ގުޅުން ވަރަށް ސީރިއަސްއެވެ. އަދި މުޅި ހަޔާތް އެކުގައި ވޭތިކުރުމަށް ބޭނުންވާކަމަށް ވަނީ ބުފައެވެ.
ޖެނިފާ އާއި އެފްލެކް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެންގޭޖް ވެފައިވަނީ 2002 ވަނަ އަހަރުއެވެ. މި ދެ މީހުން އޭރު މަޝްހޫރުވީ ދެމީހުންގެ ނަން އެއްކޮށްގެން މީޑިއާއިން ހަދާފައިވާ "ބެނިފާ"ގެ ނަމުންނެވެ. މި ދެތަރިން 2003 ވަނަ އަހަރު ކައިވެނި ކުރުމަށް ނިންމި ނަމަވެސް، 2004 ވަނަ އަހަރު ވަނީ އެންގޭޖްމަންޓް ރޫޅާލައި އެތައް ބަޔަކު ސިއްސުވާލައިފަ އެވެ. މި ދެތަރިންގެ އެންގޭޖްމަންޓް ރޫޅާލިނަމަވެސް އެދެތަރިންގެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އޮންނަތާ އަހަރުތަކެއް ވަނީ ވެފައެވެ.
ޖެނިފާ އާއި އެފްލެކް އެކުގައި ފެންނަން ފަށާފައި މިވަނީ ޖެނިފާގެ ލޯބިވެރިޔާ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް ރޮޑްރިގޭޒް (އޭ-ރޮޑް) ގެ އެންގޭޖްމަންޓް ރޫޅާލިކަން އިއުލާން ކުރިތާ ދެހަފްތާއެއްހާ ދުވަސް ވެފައިވަނިކޮށެވެ.