ނަސްރުގެ ދުވަސް ދިވެހިން ފާހަގަ ކުރަމުންދާއިރު މިއަދަކީ ހަގީގީ ރަހުމަތްތެރިކަމުގެ އަގު ވަޒަންކުރަން ޖެހޭ ދުވަހެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން މިނިސްޓަރު ޝާހިދު ދެއްވި މެސެޖުގައި ވިދާޅުވީ މިއަދު ހަނދާން އާކުރަމުން މިދަނީ ދިވެހި ޤައުމަށްޓަކައި ޤުރުބާންވެ، ޝަހިދު ވެފައިވާ ދިވެހި ސިފައިންނާއި، ދިވެހި ދަރީންގެ ހަނދާންތައް ކަމަށެވެ. މިނިވަންކަމާއި، ޤައުމުގެ އިސްތިޤްލާލަށްޓަކައި ހަނގުރާމަ ކުރި ހިތްވަރުގަދަ ފަހުލަވާނުންގެ ޝަރަފުވެރި ޒިކުރާތައް ކަމަށެވެ. ނޮވެމްބަރު 3 ގެ ބަތަލުންނަށް ޝުކުރާއި ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.
"މިއަދަކީ ހަޤީޤީ ރަހުމަތްތެރިކަމުގެ އަގު އަޅުގަނޑުމެން ވަޒަންކުރާ ދުވަހެއް، ނޮވެމްބަރު 03 ގެ އުދުވާނީ ހަމަލާ ދިވެހި ޤައުމަށް ކުރިމަތިވި ވަގުތު، އިންޑިޔާއިން ވެދިން މަދަދާއި އެހީތެރިކަމުގެ ހަނދާންތައް ދިވެހިން އަބަދުވެސް އާކުރާނެ، އިންޑިޔާއަކީ އިތުބާރުއޮތް ދިވެހިންގެ އަވަށްޓެރިއެއް، ހަޤީޤީ އެކުވެރިއެއް، އެކަމަށްޓަކައި އިންޑިޔާއަށް ޝުކުރު އަރިސް ކުރަން،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދަކީ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، ދަތިތައް މަތިން ހަނދާން ކުރަންޖެހޭ ދުވަހެއްވެސް މެ ކަމަށެވެ. މި މައްސަލަ އަކީ ދިވެހި ރާއްޖެއިން އދ ގައި ވެސް ފާހަގަކޮށްފައިވާ މުހިންމު ކަމެކެވެ. މަސައްކަތް ކުރިއަށް ގެންދަނީ ދަތިތަކުން އަވަހަށް އަރައިގަތުމަށް ބޭނުންވާ މަސައްކަތްތައް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢު އާއި އެކު ދާއިމީ ގުޅުން ތަކެއް ގާއިމްކުރުމަށް ކަމަށާއި 21 ވަނަ ގަރުނުގެ ނުރައްކާ ތަކުން އަރައިގަތުމަށް ބޭނުންވާ އެންމެ މުހިންމު ތަޅުދަނޑިއަކީ އެއީ ކަމަށް ޝާހިދު ވިދާޅުވިއެވެ.