ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ވަށައިގެންވާ ކަންކަމާއި، ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރާއި ގުޅޭގޮތުންނާއި، މައްސަލައަށް އިންސާފު ލިބޭކަން ކަށަވަރުކުރުމަށް އެމްޑީޕީގެ ފަރާތުން ކޮމެޓީއެއް އެކުލަވާލުމަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް މި ހުށަހެޅުއްވުން ހުށަހެޅީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެވެ. އެ ހުށަހެޅުމަށް ތާއީދުކޮށް ސޮއިކުރެއްވީ މުޙައްމަދު ސައިފް ފާތިޙް އެވެ.

އެ ހުށަހެޅުމުގައި ބުނެފައިވަނީ ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގެ މައްސަލާގައި މިއަދާއި ހަމައަށް އައިރު ސާފުވެފައިވާ ކަމަކީ ރައީސް ނަޝީދަށް ދައުލަތުން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކުން އެކަމަށް އިހުމާލްވެފައިވާކަން ކަމަށެވެ. އަދި ރައީސް ނަޝީދަށް އިންތިހާއަށް ސެކިޔުރިޓީ ތެރެޓް އޮތްކަން އެނގިތިބެ ހާލަތާއި ބައްދަލު ފިޔަވަޅުތައް އެ ފަރާތްތަކުން އަޅާފައިނުވާކަމަށެވެ.

އޭގެއިތުރަށް މި ހަމަލާގެ ފަހަތުގައިވާ ބަޔަކާއި ރާވާ ފަންޑުކުރި ބަޔަކު ހޯދިފައިނުވާކަން ފާހަގަކޮށް، އެ ހުށަހެޅުމުގައި ބުނެފައިވަނީ އެކަމުގެ ހަގީގަތް ގެއްލުވާލައި ޝައްކާ ވަހުމަށް ޖާގަ އުފެދޭގޮތަށް ކަމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާކަމަށެވެ.

އެކަންކަން ފާހަގަކޮށް، އެމްޑީޕީގެ ޤައުމީ މަޖިލީހުން ތިން ކަމަކަށް އިޤުރާރުވުމަށް ހުށަހަޅުއްވާފައިވެއެވެ. ފުރަތަމަަ ކަމެއްގެ ގޮތުން ހުށަހަޅުމުގައި ވަނީ ސަރުކާރުގެ އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގަމުން ގެންދާ ތަޙުޤީޤުތަކާއި، ކުރާ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ގާތުން ބަލައި ފާރަވެރިވަމުން ގެންދިޔުމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކުރީން ހިނގާފައިވާ ނުރައްކާތެރި އެތައް މަރެއްގެ ޙަޤީޤަތްތައް ނުހޯދި، އިންސާފު ދިގުލައިގެން ގޮސްފައިވާތީ އާއި ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓޓް ހަމަލާއެއް ދީފާއިވާތީ އެފަދަ ސީރިއަސް، ބޮޑު މައްސަލައެއްގެ ހަފަރާތް ނުހޯދިއްޖެނަމަ، ދިވެހި ދައުލަތުގެ ސިފަތައް ގެއްލިގެންދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށް ޕާޓީން ނިންމުމަށެވެ.

ތިން ވަނަ ކަމަކަށް އިޤުރާރުވުމަށް ހުށަހަޅާފައިވަނީ ކޮމެޓީ އެކުލަވާލުމަށެވެ. އެގޮތުން އެ ނުކުތާގައި ބުނެފައިވަނީ ރައީސް ނަޝީދަށް އިންސާފު ޤާއިމުވުމަށް މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ ޕާޓީގެ މެމްބަރުން ގޮވާލަމުންދާކަމަށެވެ. ޕާޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލުމަށް ހުށަހަޅަފައިވަނީ އެކަންކަން ކަށަވަރުކުރުމަށެވެ.

ކޮމެޓީ އެކުލެވިގެންވާގޮތް:

1. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއް
2. ރައީސް ނަޝީދު ކަނޑައަޅުއްވާ މެމްބަރެއް
3. އަލްއުސްތާޛް ޙަސަން ލަތީފް
4. މުޙައްމަދު ޝިހާބު
5. އަޙްމަދު މައުސޫމް

ހުށަހެޅުމުގައި އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ މުޅި އެމްޑީޕީ އާއި އެމްޑީޕީ އުފެދި ހިނގަމުންދާ މަޤްސަދުތަކާއި އެމްޑީޕީ ކެނޑިނޭޅި ރައްޔިތުންނަށްޓަކައި ވަކާލާތުކުރަމުން އައި އަނިޔާވެރިކަމާއި ހިލާފު ކަމެއްކަމަށެވެ. އަދި ހައްދުފަހަނައެޅި ހަރުކަށި ފިކުރުގެ ވަކި، އަނދިރި ދައުލަތެއްގެ ނިވަލުގައި ހިންގާ ކޮރަޕްޝަނާ ފަސާދަ ނައްތާލުމާއި، އެމްޑީޕީގެ ސުލްހަވެރި ސިޔާސީ ހަރަކާތާއި، ހެޔޮވެރިކަމުގެ މުޅި ސިޔާސަތު ނައްތާލުމަށް ރޭވި އިންތިޒާމުވެގެން ދިން ހަމަލާއެއްކަމަށް އެ ހުށަހެޅުމުގައިވެއެވެ.

 

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.