ނަވާރަސަތޭކަ އަށްޑިހަ އަސްވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެ ދިފާއުކުރި ދިވެހި ސިފައިންނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. 

ނަސްރުގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ މިއަދާއި އޭރާ ބަލާއިރު ދިވެހި ސިފައިންގެ އަތުގައި ހުރި ވަސީލަތްތަކާއި ތަޖުރިބާ ވެސް މަދު ކަމަށެވެ. ނަމަވެސް އެ ދުވަހު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ފަދަ އަބްތޯލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިނެއް ނެތް ތައުރީފު ހައްގު ކަމަށެވެ. 

ދިވެހި ސިފައިންގެ އިތުރުން އާންމު ރައްޔިތުންގެ އެ ދުވަހު އަދާޔާ ހިލާފު ހިތްވަރެއް ނެރެ ދެއްކި ނަމޫނާއަށް ތައުރީފު ހައްގު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ބިރުވެރިކަމުން ސަލާމަތްވުމަށް އިންޑިއާއިން ވެދިން އެހީއަށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. 

މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި ސިފައިންގެ ގާބިލުކަމާއި ތަޖުރިބާ އިތުރު ކުރުމަށް ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. މާރިޔާ ވިދާޅުވީ މިއަދު ދިވެހި ސިފައިންގެ ގާބިލްކަން އެތައް ގުނައެއް ފުޅާވެއްޖެ ކަމަށާއި އަދި ދިވެހިންގެ ހިތުގައި އޮންނަ ލޯތްބާއި ގަދަރު ވެސް އުފުލިފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.