ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލެ މެޑިކަލް ފެސިލިީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 2:35 ގައި މީހަކު މަރުވެފައި ވާ ކަމަށެވެ. އަދި އޭނާއަކީ އުމުރުން 84 އަހަރުގެ ދިވެހި އަންހެނަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
Today at 02:35 pm a 84-year-old Maldivian female admitted at HMF has passed away
This is the 171st COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven.
— Health Protection Agency (@HPA_MV) June 2, 2021
އޭނާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 171 ވަނަ މީހާއެވެ. މި ބަލީގައި މިމަހު އެކަނި ވެސް 10 މީހަކު މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ރޭ މަރުވި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.
މިއާއެކު، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 171 އަށް އަރާފައިވާއިރު، ނިމިދިޔަ މޭ މަހު 88 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ ބަލި ޖެހޭ މީހުންގެ އަދަދު ވެސް ބޮޑުތަނުން އިތުރުވެފައި ވަނިކޮށެވެ. ނިސްބަތުން ބަލާނަމަ، ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވަނީ މި ބަލި ޖެހޭ މިހުންގެ 0.3 އިންސައްތަ މީހުން ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.