ހެލްތް މިނިސްޓަރ އަހްމަދު ނަސީމު މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަން ހަމަޖެހިއްޖެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ ދަރުބާރުގޭގައި މިރޭ 10:00 ގައެވެ. މި ބައްދަލުވުމުގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ ހަމައެކަނި މިނިސްޓަރު ނަސީމް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
In today’s HEOC press conference at 10:00pm:
▫️Ahmed Naseem, Minister of health
— Health Protection Agency (@HPA_MV) June 2, 2021
މިނިސްޓަރު ނަސީމް ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވާއިރު، ގިނަ ބަޔަކު ދަނީ އޭނާ އިސްތިއުފާ ދެއްވުމަށް ސޯޝަލްމީޑިއާގައި ގޮވާލަމުންނެވެ. ނަސީމްގެ އިސްތިއުފާއަށް ގޮވާލަމުން ދަނީ، ކޮވިޑް ޖެހިގެން ހާލުބޮޑުވި އުމުރުން 10 އަހަރުގެ ކުއްޖަކަށް ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުން އެ ކުއްޖާ މަރުވުމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާ ހާލު ދެރަވެގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅުމުން އެމްބިއުލެންސް އައީ 2 ގަޑި އިރަށް ވުރެ ގިނަ އިރު ފަހުންނެވެ. އެ ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، އިއްޔެ އާއި ހަމަޔަށް އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އާއިލާއިން އައިޖީއެމްއެޗަަށް ވެސް ގުޅިއެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ އެމްބިއުލަންސް ލަސްވެ، ފަރުވާ ލަސްވި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މިވަގުތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. ކޮވިޑުގެ ކުރިން ވެސް ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން އެތައް މައްސަލައެއް ފެންމަތިވެފައިވެއެވެ.