ފިލްމީ ތަރިމުޙައްމަދު ޔުނާން އާއި، އޭނާގެ އަންހެނުން ފާޠިމަތު ރިހުލާގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ޔުނާން އާއި ރިލުހާގެ މައްޗަށް ކުރެވެއެވެ.
އެ މައްސަލާގައި މުޙައްމަދު ޔުނާންގެ މައްޗަށް ވަނީ ނުވަ ދައުވާއެއް އުފުލާފައެވެ. ފާޠިމަތު ރިހްލާގެ މައްޗަށް އުފުލީ 5 ދަޢުވާއެކެވެ. ދައުވާތައް ހުށަހަޅާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު އެވެ.
މި ދެމީހުންނާ ގުޅޭ ގޮތުން ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ ޔުނާންގެ އާއިލާގެ ބައެކެވެ. އެމީހުން ތުހުމަތުކޮށްފައިވަނީ ޔުނާން އާއި ރިހުލާ، އެ އާއިލާގެ ފިރިހެން ދެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތެވެ. އެ ތުހުމަތު އެމީހުންނަށް އަމާޒުވީ އެ ވާހަކަތައް އާއިލާއަށް އެ ދެ ކުދިން ކިޔައިދިނުމުން ކަމަށް މައުލޫމާތު ލިބެއެވެ.
ޔުނާން އާއި ރިހުލާ މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މިދެމަފިރިންގެ އަންހެން ދަރިފުޅު ބަލިވެގެން ގިނަ ބަޔަކު ފޯރުކޮށްދިން އެހީ ވެސް ނާޖައިޒު ގޮތުގައި ބޭނުން ކޮށްފައިވާ ތުހުމަތުތައް އެމީހުންނަށް ވަނީ އަމާޒުވެފައެވެ.