ފެމިލީ ކޯޓު

ކައިވެނި ކުރުމުގެ 30 ދުވަސް ކުރިންނާއި, ކައިވެންޏަށްފަހު 30 ދުވަސް ތެރޭގައި ލިބޭ ހަދިޔާއަކީ ކައިވެނީގެ ހަދިޔާ ކަމަށްވީ ނަމަވެސް އެފަދަ ހަދިޔާ އިން ޓެކްސް ނެގުމަށް ގާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އާމްދަނީން ޓެކްސް ނެގުމާއި ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުތަކުގެ ބިލަށް މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށްފައެވެ. މި ބިލު ހުށައެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.

މި ބިލު ހުށައެޅުއްވީ ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްތިސްނާ ކުރުމަށާއި،  ޓެކްސް ނަގަން ފެށިފަހުން ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަށްކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި އޭގެއިތުރުން އާމްދަނީން ޓެކްސް ނެގުނުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުމުގައިކަމަށެވެ.

މި ބިލުގައި ވަނީ ގާނޫނުގައި އިސްތިސްނާވާ އާމްދަނީތައް ބަޔާންކުރާ، ޤާނޫނުގެ 12 ވަނަ މާއްދާއަށް އިސްލާހެއް ހުށައަޅުއްވާފައެވެ. އެއީ އެ މާއްދާގެ (ގ) ދެ ވަނަ ނަމްބަރުގެ ފަހަތައް ނަމްބަރެއް އިތުރުކުރުމަށެވެ. 12 ވަނަ މާއްދާގެ (ގ) ގައި ބުނަނީ އާމްދަނީން ޓެކްސް ނެގުމުގައި އިސްތިސްނާވާ ހަދިޔާގެ ގޮތުގައި ބަލާނެ ހާލަތްތަކެވެ. އޭގެތެރޭގައި ކައިވެނީގެ ގޮތުގައި ލިބޭ ހަދިޔާ އަކީ ޓެކްސް ނެގުމުގައި އިސްތިސްނާވާނެ ހަދިޔާއެއްކަމަށް ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން އިސްލާހް ހުށަހަޅައި، ވަނީ ކައިވެނިގެ ގޮތުގައި ލިބޭ ހަދިޔާތަކުގެ ތެރެއިން ޓެކްސް ނޭގެނޭ ހާލަތްތަކެއް ކަނޑައަޅާފަ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހް:

ހަދިޔާއަކީ ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗެއް ކަމަށް ބަލާނީ އެ އެއްޗެއް ކައިވެނީގެ މުނާސަބަތުގައި ކައިވެނިކުރާ ދެ މީހުންކުރެ މީހަކަށް ލިބުނީ ކައިވެނިކުރާ ދުވަހުގެ ކުރިން ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި ނުވަތަ ކައިވެނި ކުރާ ދުވަހު، ނުވަތަ ކައިވެރިކުރާ ދުވަހުގެ ފަހުން ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި ކަމަށް ވާނަމައެވެ.

މި އިސްލާހުތައް ހުށައަޅުއްވަމުން މެމްބަރު ޒާހިރު ވަނީ މި ބިލަކީ ކޮމިޓީ މަރުހަލާގައި ރަނގަޅަށް ދިރާސާކުރެވެންޖެހޭ ބިލެއް ކަން ފާހަގަކުރައްވާފައެވެ. ބައެއް މެމްބަރުން ކައިވެނީގެ ހަދިޔާ އާއި ގުޅިގެން ހުށައަޅާފައިވާ އިސްލާހާއި ގުޅިގެން ކަންބޮޑުވުންވެސް ފާޅުކުރައްވާފައިވެއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.