މިޝްކާގެ މަރާއެކު އެތައް ބަޔަކު ހިތާމަކޮށް، ކަންބޮޑުވުން ފާޅުކުރަނީ!

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ މަރަކީ އެތައް ބަޔަކަށް ފުން ހިތާމައެއް ލިބިގެންދިޔަ ކަމެކެވެ. އަދި އެތައް ބަޔަކު ކަންބޮޑުވާވެސް ކަމެކެވެ. އެގޮތުން މީސް މީޑިއާގައި މިޝްކާގެ މަރާއެކު، އާއިލާއަށް ގިނަ ބަޔަކު ތައުޒިޔާ އަންނަނީ ކިޔަމުންނެވެ.

އާއިލާއިން ތުހުމަތުކުރާ ގޮތުގައި މިޝްކާ މަރުވުމަށް ދިމާވި މައިގަނޑު އެއް ސަބަބަކީ އޭނާއަށް ދޭން ޖެހޭ ސިއްހީ ފަރުވާ ދިނުމުގައި ލަސްވުމެވެ. އެގޮތުން ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔުމަށް އެމްބިއުލާންސަށް ގުޅުމުން އެޓެންޑްވިލެއް ލަސްވުމަކީ އެ ތުއްތު ފުރާނަ ދުނިޔެ ދޫކޮށްދިޔަ ސަބަބު ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.

މިޝްކާއަކީ ކޮވިޑަށް ޕޮޒިޓިވްވެ، ހޯމް ކަރަންޓީންގައި ހުރި ކުއްޖެކެވެ. އެހެންކަމުން މިޝްކާގެ ފަރުވާގެ ކަންކަމަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބެލުމުގެ ދަށުން ކުރިއަށްގެންދަންޖެހޭ ކަމެކެވެ. މިޝްކާ މަރުވިއިރު، ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާތާ 7 ދުވަސްވެފައިވެއެވެ.

އާއިލާއިން ބުނާގޮތުގައި ކޮވިޑަށް ޕޮޒިޓިވްވިނަމަވެސް މިޝްކާގެ ފަރާތުންވެސް ބަލީގައި ބޮޑުވަރުގެ އަލާމަތްތަކެއް ނުފެ އެވެ. އެގޮތުން ހުން އައުން ފިޔަވާ އިތުރުކަމެއް ފާހަގަނުވާކަމަށް އާއިލާ ބުންޏެވެ. މިޝްކާގެ ހާލު ގޯސްވީ ކުއްލިއަކަށެވެ.

މިިޝްކާގެ ހާލަތަށް އަންނަން ފެށި ބަދަލާއެކު، އޮންނަ އުސޫލުގެ ތެރެއިން އެޗްޕީއޭއަށް އެކަން އާއިލާއިން އެންގި އެވެ. އޭގެއިތުރަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށްވެސް ގުޅައި، މިޝްކާގެ ހާލުގެ މައުލޫމާތާއެކު އާއިލާއިން ފަރުވާއަށް އެދުނުކަމަށް އާއިިލާއިން ބުންޏެވެ. ކޮވިޑަށް ޕޮޒިޓިވް ފަރާތެއްކަމަށް ބުނެ އައިޖީއެމްއެޗުން މިޝްކާއަށް ފަރުވާއަށް އެމްބިއުލެންސް ފޮނުވުމަށް ހެދީ ދެކޮޅު އެވެ.

ގޮތް ހުސްވެ އޮތް އާއިލާއަށް މަޖުބޫރުކުރުވީ އެޗްޕީއޭގެ ޓީމުގައި އާދޭސްކުރުމުގައި ތިބުމަށެވެ. އެޗްޕީއޭގެ ޓީމުން މިޝްކާއަށް އެޓެންޑްވެފައިވަނީ އާއިލާއިން އިތުރު ފަރުވާއަށް އެމްބިއުލެންސްއަކަށް އެދުނުތާ 2 ގަޑިއިރާ 50 މިނެޓް ފަހުންނެވެ.

"މެޑިކަލް ޓީމަށް ވަނީ އިންފޯމް ކުރެވިފައި. މެޑިކަލް ޓީމުން މިހާރު ދާނެ" އާއިލާގެ ކޯލްތަކަށް އެޗްޕީއޭއިން (ހޮޓްލައިން: 1676) ދިން ޖަވާބަކީ އެއީ އެވެ.

އެޗްޕީއޭގެ ޓީމަށް މިޝްކާއަށް އެޓެންޑެވެވުނުއިރު، ހާލު އޮތީ ވަރަށް ބޮޑަށް ގޯސްވެފަަ އެވެ. އާއިލާއިން ކިޔައިދިން ގޮތުގައި އެމްބިއުލާންސާއެއެޅި، ހާޓް އެޓޭކެއް ޖެހި ހިތް ހުއްޓި، ހަރަކާތް އޮތީ ހުސްވެފަ އެވެ.

އާއިލާއިން އަވަސް ފަރުވާއަކަށް އާދޭސް ކުރަމުންދިޔައިރު، މަރޖެންސީ ރޫމް (އީއާރް) އިން، ސީޕީއާރާ ހިސާބަށް ގެންދިޔުމާ ދޭތެރޭގައި 20 މިނެޓު ހޭދަވި އެވެ. އަދި ހޮސްޕިޓަލުން ބެލި ބެލުމުން ސިކުނޑި މަރުވުމާއެކު، ވެންޓިލޭޓަރަށް ލި ކަމަށްވެސް ޝަކުވާއިން ފުރިގެންވާ އާއިލާއިން ބުންޏެވެ.

މިޝްކާގެ ވަކިވެދިޔުމާއެކު މުޅި ޤައުމަށް ގެނުވީ ކުއްލި ޝޮޮކެކެވެ. ބަލީގައި ރާއްޖޭގައި ނިޔާވި އެންމެެ ތުއްތު ފުރާނައަކީ މިޝްކާއަށްވުމުގެ އިތުރަށް، އިހުމާލްތަކުގެ ވާހަކަތަކާއެކު މުޅި ޤައުމު އޮތީ ކަންބޮޑުވެފަ އެވެ. އިސްތިއުފާއަށް ގޮވުމުން ފެށިގެންގޮސް، އެތަކެއް ގޮވުންތަކެއްގެ އަޑު ވަނީ ގަދަވެފަ އެވެ.

 

އެމްބިއުލާންސްގެ ހިދުމަތް ލަސްވުމުން، މިޝްކާއަށް ފަރުވާ ދޭން ލަސްވިއިރު، ހެލްތު މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު އެމްބިއުލާންސްގެ ހިދުމަތް ހޯދުމަށް ގުޅި ބަލި މީހަކަށް ހިދުމަތް ދިނުމުގައި ލަސްތަކެއް ދިމާވުމުގެ ޝަކުވާއެއް މިއަދު ލިބުމުން، އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، ހިދުމަތް ދިނުމުގައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މިޝްކާއަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސައްގެ އެކި ހަރަކާތްތަކުގައި ބައިވެރިވެފައިވާ ވަރަށް ހުނަރުވެރި ކުއްޖެއް. މި ހިތާމައިގައި މިނިސްޓްރީގެ އިތުރުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ހުރިހާ މުވައްޒަފުން ބައިވެރިވަން.

މިޝްކާގެ މަރުގެ މައްސަލައިގައި އޮތް އިހުމާލުތައް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައިވާއިރު، އެ މައްސަލައިގައި އިހުމާލުވި ފަރާތްތައް މަޖިލީހަށް ހާޒިރުކުރުވައި، އެކަމުގެ ޒިންމާ ނަގަން ޖެހޭ އެންމެން ޒިންމާ ނަގުވައި، ޖަވާބުދާރީ ކުރުމުގެ މަސަތްކަތް މަޖިލީހުން ކުރުމަށް ވަނީ އެދިފައެވެ.

ކުޑަކުއްޖަކު މަރުވި މައްސަލަ މަޖިލީހަށް

ސިއްހީ އިހުމާލުތަކެއް އޮތް، ނިޒާމުގައި އޮތް ދުވަސްވީ ބޮޑު މައްސަލައިގެ ތެރެއިން ތުއްތު ކުއްޖެގެ ފުރާނަ ދުނިޔެ ދޫކޮށްދިއުމުން ނިޒާމަށް ފާރަވެރިވުމަށް އޮންނަ އެޗްއާރުސީއެމް އިން ކޮށްލީ އިލްތިމާސް އެކެވެ. ޓުވީޓެއްކޮށްލީ ކުށްވެރިކުރާކަމަށް ބުނަމުންނެވެ.

 

ކޮވިޑް-19 ގެ މި ހާލަތުގައި ސިއްޙީ ފަރާތްތަކުން ދެއްވަންޖެހޭ ފަރުވާވީހާވެސް އަވަހަކަށް ދެއްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރަން. ބަލިމީހާއަށް ލިބެންޖެހޭ ޚިދުމަތް އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން މި ކޮމިޝަނުން ކުށްވެރި ކުރަން. މިކަން ހިނގާފައިވާ ގޮތް މި ކޮމިޝަނުން ބަލާނެ ވާހަކަ ދަންނަވަން.

މިޝްކާގެ މަރާއެކު އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީގެ އިތުރުން މަޖިލިސް މެމްބަރުންނާއި،  ސަރުކާރުގެ ކުންފުނިތަކާއި، އަދި ގިނަ އާންމު ރައްޔިތުން އަންނަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވައި، ފުރާނައަށް ސުވާރުގޭގެ ދާއިމީ ނިޔުމަތް އެދި ދުއާ ކުރަމުންނެވެ. ނަމަވެސް ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން އެދެނީ ތައުޒިޔާގެ މެސެޖަކަށް ނޫނެވެ.

ނިޒާމުގައި ހުރި މައްސަލަތަކަށް ހައްލެއް ލިބުމަށެވެ. ދެވަނަ ފުރާނައެއް އެގޮތުގައި ދުނިޔެ ދޫކޮށް ނުދާނެގޮތަށް ފަރުވާގެ ނިޒާމް ފައްކާކޮށްދިނުމަށެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %