ތުރުކީ އަދި ގްރީސްއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 81 އަށް އަރައިފިއެވެ. 

ތުރުކީގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އިޒްމީރުއަށް މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރިއިރު އެ ސިޓީގައި 20 އިމާރާތެއް ވަނީ ވެއްޓިފައެވެ. އަދި މި އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާއިރު އެ މީހުން ސަލާމަތްކުރުމަށް މެދުކެނޑުމެއްނެތި އަންނަނީ މަސައްކަތް ކުރަމުންނެވެ. 

މި ބިންހެލުމުގައި އަނިޔާވި މީހުންގެ އަދަދު ވަނީ 1000 އަށްވުރެ މައްޗަށް އަރާފައެވެ. ގްރީސްގެ ރަށެއް ކަމަށްވާ ސަމޯސްއަށް ވެސް މި ބިންހެލުމުގެ އަސަރުކުރިއިރު އެރަށުން ދެ ކުދިން މަރުވެ 19 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އިޒްމީރުން މަރުވީ 79 މީހުންނެވެ. 

ތުރުކީގެ ޑިޒާސްޓަރ އެންޑް އިމަރޖެންސީ ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ވަގުތީ ހިޔާގެ ގޮތުގައި 3500 ޓެންޓާއި 13000 އެދު ވަނީ ފޯރުކޮށްދީފައެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން 740 މީހަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ. މި ބިންހެލުން އައިތާ ތިން ދުވަސް ވެފައިވާއިރު މިއަދު ވެސް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދެ އަންހެން ކުދިން ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި މީހުންގެ އަދަދު މިހާރު ވަނީ 106 އަށް އަރާފައެވެ. 

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 7.0 ގެ ބާރު މިނުގައެވެ. އެހެން ނަމަވެސް ތުރުކީގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިއީ ރިކްޓަރ މިންގަނޑުން 6.6 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. މި ބިންހެލުމުގެ ސަބަބުން ކަނޑުގެ ބާނިތައް ބޮޑުވެ ތުރުކީ އަދި ގްރީސްގެ ބައެއް ރަށްތަކަށް އުދަ ވެސް އަރާފައިވެއެވެ.

މި ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދަށް 4000 ގާތްކުރާއ އަދަދަކަށް ރެސްކިއު ވޯކަރުން ފޮނުވާފައިވާއިރު 475 ވެހިކަލް އާއި މީހުން ހޯދާ 20 ކުއްތާ ވެސް އަންނަނީ ބޭނުންކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.