ސާފާރީގައި ހިނގި ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކާއި އޭގެ ފަހުން އަމަލު ކުރެއްވި ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ފާޑުވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އިމްރާން ވަނީ ސަފާރީގައި ބޮޑު ރޭޕެއް ނުހިނގާ ކަމަށާއި އެތަނުގައި ހިނގީ އާންމު ތަނެއްގައި ވެސް މީހަކަށް ކޮށްލެވޭ ފަދަ ވަރަށް ކުޑަ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެއީ ކުޑަ ކަމެއް ނަމަވެސް އެއީ ބުނަން ކެރޭވަރު ވާހަކައެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވުމާއެކު އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައަކީ ކުޑަ ކަމެއްގެ ގޮތުގައި ދޭހަވާ ގޮތަކަށް އިމްރާން ވާހަކަ ދެއްކެވީ ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެ ފާޑުކިޔުންތަކާ ހެދި އިމްރާން ވަނީ މާފަށް އެދިވަޑައިގެންފައެވެ. ވިދާޅުވީ ޖިންސީ ފުރައްސާރައަކީ ކުޑަ ކަމެއް ނޫން ކަމަށާއި އޭނާ ދެއްކެވި ވާހަކަ ނޫސްވެރިން އޮޅުވާލީ ކަމަށެވެ.
އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދޭ މައްސަލާގައި މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި ބަހުސްކުރެވުނެވެ. މި ބަހުސްގައި މެންބަރު މީކާއިލް ވިދާޅުވީ ޖިންސީ ފުރައްސާރައަކީ ކުޑަ ކަމެއްގެ ގޮތުގައި ދޭހަވާ ގޮތަށް ފުލުހުންނާ ހަވާލުވެ ހުންނަނާ މިނިސްޓަރު ވިދާޅުވުމަކީ އެކަމަށް ދެވޭ ހިތްވަރެއް ކަމަށެވެ.
މީކާއިލް ވިދާޅުވީ އެފަދަ މަގާމެއްގައި ހުންނަވައިގެން ދައްކަން ނުވާނެ ފަދަ ވާހަކައެއް ދެއްކެވުމަށްފަހު މާފަށް އެދި އެހެން ގައުމެއްގައި ނަމަ އިސްތިއުފާ ވެސް ދެއްވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އޮންނަނީ ތަފާތު ނިޒާމެއް ކަމަށާއި ވައްކަން ކުރިޔަސް، ވިދާޅުވާން ނުވާން އެއްޗެއް ވިދާޅުވިޔަސް އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް، ހިޔާލެއް ނުގެންގުޅޭ ކަމަށެވެ.
ހޯމް މިނިސްޓަރު އިމްރާންގެ މި މައްސަލައާ ގުޅިގެން އިދިކޮޅުން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލާގައި އިމްރާންއަށް މިހާރު ވަނީ ނޯޓިސް ވެސް ފޮނުވާފައެވެ. ނަމަވެސް މީކާއީލް ވެސް ނިސްބަތްވާ އެމްޑީޕީއިން ވަނީ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއިދު ނުކުރާނެކަން ހާމަކޮށްފައެވެ.