މާލޭގައި ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ހަމައެކަނި އަންހެން މީހާ، އައިމިނަތު ވަހީދާގެ ކާރަށް އެކި ފަހަރު މަތިން ގެއްލުންދެމުންދާ މައްސަލަ ހަރުކަށި ފިކުރާ ގުޅުވައިފިއެވެ.
އައިމިނަތުގެ ކާރަށް ގެއްލުންދޭ މައްސަލާގައި މިއަދު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާފައެވެ. މި މައްސަލަ މަޖިލީހުން ބަލައިގަނެ މިއަދު ވަނީ ބަހުސް ވެސް ކޮށްފައެވެ.
ބަހުސްގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އައިމިނަތުގެ ކާރަށް ދޭ ހަމަލާއަކީ ހަރުކަށި ފިކުރުގެ ތެރެއިން ހުރިހާ އަންހެނުންނަށްދޭ ހަމަލާއެއްތޯ އެއީ އޮތް ސުވާލެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންހެނުން ގޭގައި ބައިތިއްބާ ހަމައެކަނި ޖިންސީ އެދުން ފުއްދަން ތިބޭ ބައެއްގެ ގޮތުގައި ގޭގައި ނޯކިރީ ކުރުވަން ބަޔަކު ބޭނުންވާ ކަމަށެވެ. އެ ސަގާފަތް ދިވެހި މުޖުތަމައުގެ ތެރެއަށް ވައްދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ފިކުރު ދިވެހި މުޖުތަމައުގެ ތެރޭގައި ފަތުރަން ބަޔަކު ބިރު ދައްކައިގެން ގަދަކަމުން މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ކަންބޮޑުވުމެއް ކަމަށެވެ.
އައިމިނަތު ވަހީދާގެ ކާރަށް ފަސް ފަހަރެއްގެ މަތިން ވަނީ ގެއްލުންދީފައެވެ. ކާރަށް ގެއްލުން ދެނީ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. އެކަމުގެ ސަބަބުން އައިމިނަތުގެ އާމްދަނީއަށް ވަނީ އަސަރުކޮށްފައެވެ. މިފަހުން ވެސް އޭނާގެ ކާރަށް ގެއްލުން ދީފައިވާއިރު އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. މިފަހަރު އޭނާގެ ކާރު މަރާމާތުކޮށްދެއްވާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.