ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާއި ހިލާފްނުވާނޭ ގޮތަކަށް ކުރިއަށް ގެންދިޔުމުގައި ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އީސީގެ ނައިބުރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ، ރަސްމީކޮށް ކެމްޕޭންކުރުމުގެ ފުރުސަތު ހުޅުވާލާފައި ނެތްނަމަވެސް، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކެމްޕޭން ކުރުމުގައި އެއްވެސް ހުރަހެއްނެތް ކަމަށެވެ. އެހެންނަމަވެސް، ބަލި ފެތުރުމަށް މަގުފަހިވާނޭ ފަދަ ގޮތަކަށް ކެމްޕޭން ނުކުރުމަށް އެދިލެއްވިއެވެ.
ލޯކަލް ކައުންސިލްގެ އިންތިހާބު މާޗުމަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ މަސައްކަތް ފަށާފައެވެ. އެހެންކަމުން، ކޮވިޑް-19ގެ ހާލަތުގައިވެސް އިންތިހާބު ބާއްވަން ޖެހިދާނެކަމަށް ބަލައި، އެކަމަށްޓަކައިވެސް ވާންޖެހޭ ތައްޔާރީތައް އެ ކޮމިޝަނުން އަންނަނީ ވަމުންނެވެ.
އެގޮތުން، ރީ ރަޖިސްޓްރޭޝަން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރާނެކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. އަދި، ވޯޓުލާނެ މަރުކަޒުތައްވެސް އިތުރުކުރަން ޖެހިދާނެކަމަށް ބަލައި އެކަމަށްވެސް އެ ކޮމިޝަނުންދަނީ ތައްޔާރުވަމުންނެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މި އަހަރުގެ އޭޕްރީލް މަހުއެވެ. ނަމަވެސް ކޮމިޑް-19ގެ ހާލަތު މާލޭގައި ގޯސްވުމާ ގުޅިގެން އިންތިހާބު، ގާނޫނަށް ބަދަލު ގެނެސްގެން ފަސްކުރިއެވެ. އަދި ދައުރު ހަމަވެފައިވާ ކައުންސިލަރުންގެ ދައުރު ދަންމާލިއެވެ.
ކައުންސިލަރުންގެ ދައުރު ދަންމާލައި އިންތިހާބު އޭރު ފަސްކޮށްފައިވަނީ ދެން އިންތިހާބު ބޭއްވުމަށް ސީދާ ވަކި ތާރީހެއް ކަނޑައެޅުމަކާ ނުލާއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ މާޗް މަހާ ހަމައަށް ކޮވިޑްގެ މިހާރު އޮތް ހާލަތު ރަނގަޅު ވާނެ ކަމަށް ބަލައިގެން ކަމަށާއި ހާލަތު ރަނގަޅު ނުވީ ނަމަވެސް އިންތިހާބު މާޗް މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.