ކޮވިޑް-19ގެ ސަބަބުން، ދައުލަތަށް މިއަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 30 ބިލިއަން ރުފިޔާ ނުލިބޭތީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަނެއްކާވެސް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓަރ ސޮއި ކުރައްވައި އިއްޔެ ނެރުއްވި ސަރކިއުލަރގައި ވާ ގޮތުން، 24 އޮގަސްޓުގައި ނެރެފައިވާ ސަރކިއުލަރއަށް މި ސަރކިއުލަރގެ "ޖަދުވަލު 1" ގައި ބަޔާންކޮށްފައިވާ ބަދަލުތައް ގެނައުމަށްވަނީ ނިންމާފައެވެ.
އެގޮތުން، މުވައްޒިފުންނަށް ހިނގާނެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، 1 ނޮވެމްބަރާއި ހަމައަށް ހުއްދަ ދީފައިވާ މަގާމުތައް ފިޔަވައި އިތުރު މަގާމްތަކަށް މުވައްޒިފުން ނުނެގުމަށްވަނީ އަންގާފައެވެ. މީގެއިތުރުންވެސް، އައު އެލެވެންސްތައް ތައާރަފްނުކުރުމަށާއި، ވަކިވާ މުވައްޒިފުންގެ ބަދަލުގައިވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒިފުން ނުނެގުމަށް ވަނީ އަންގާފައެވެ.
އަދި، ދައުލަތުގެ އިދާރާއަކުން ރާއްޖެއިން ބޭރަށް ކުރާ ހުރިހާ ދަތުރުތައް ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރެއްނަމަ އެކަމުގެ ހުއްދައަކަށް މިނިސްޓްރީގައި އެދެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
5،000 ރުފިޔާއަށްވުރެ މަތީގެ އެއްވެސް މަރާމާތެއް ނުވަތަ ކެޕިޓަލް ހަރަދެއް ކުރުމުގެ ކުރިންވެސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިތުރަށް ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ، ހުއްދަ ދިނުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މިހާރު ހުއްދައަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯރމް މެދުވެރިކޮށްކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން އިގްތިސާދު ހީނަރުވުމުގެ ސަބަބުން ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވުނު 30 ބިލިއަންގެ ތެރެއިން މިހާރު ލިބޭނެކަމަށް އަންދާޒާކުރެވެނީ އެންމެ 15 ބިލިއަން ރުފިޔާއެވެ. މީގެ ސަބަބުން ދިމާވެދާނެ ގެއްލުންތަކުން އަރައިގަތުމުގެ ބޭނުމުގައި، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިންމައި ސަރުކާރުގެ އޮފީސްތަކަށް އެކަން ޖުލައި މަހުގެ ތެރޭގައިވެސް ވަނީ އަންގާފައެވެ.